ދުނިޔެ

ސޫރިޔާއަށް ދިން ބޮމުގެ ހިޒްބުﷲގެ އިސް ކޮމާންޑަރަކު މަރުވެއްޖެ


ސޫރިޔާގެ ދިމިޝްގުގެ އެއަރޕޯޓް ކައަރީގައި ދިން ބޮމުގެ ޙަމަލާއެއްގައި ލުބުނާންގެ ހިޒްބުﷲ ޖަމާޢަތުގެ އިސް އަސްކަރީ ކޮމާންޑަރ މުސްތަފާ ބަދުރުއްދީން މަރުވެއްޖެއެވެ.

ބަދުރުއްދީން މަރުވުމާއި ގުޅިގެން ލުބުނާންގެ ދެކުނު ބެއިރޫތްގެ މިސްކިތެއްގައި އޭނާގެ މައްޗަށް ޤައިބުގައި ބޭއްވި ޖަނާޒާގައި ހިޒްބުﷲ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާއި ލީޑަރުން ބައިވެރިވެފައިވެއެވެ. މިތަނުގައި ހާޒިރުވެތިބި ހިޒްބުﷲގެ ސަޕޯޓަރުންނާއި މުޙާތަބްކޮށް ވާހަކަ ދައްކަމުން އެޖަމަޢަތުގެ ޑެޕިއުޓީ ލީޑަރު ޝައިހް ނައިމް ގާސިމް ވިދާޅުވީ މިޙަމަލާ ހިންގި ގޮތުގެ ތަހުޤީގުކުރަމުންދާކަމާއި، މިކަމުގެ ތަފްސީލް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ. އަދި ޙަމަލާ ދިނީ ކޮންބައެއްކަން ޔަގީންވާފަދަ ހެކިތަކެއް ލިބިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

މިޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މިޙަމަލާއަކީ ޒަމާނުއްސުރެން ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ އިސްރާއީލުން ދީފައިވާ ޙަމަލާއެއްކަމަށް އެޖަމާޢަތުގެ އިސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިކަމުގެ ރައްދުގައި އިސްރާއީލުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައިނުވިނަމަވެސް، ބަދުރުއްދީންގެ މަރަކީ އެޤައުމުން އުފާކުރާނެކަމެއް ކަމަށް އިސްރާއީލްގެ ކުރީގެ އޮފިޝަލެއް ބުނެފައިވެއެވެ.

ހިޒްބުﷲ ޖަމައަތުން ސޫރިޔާގައި ހަރަކާތްތެރިވަމުންދަނީ އެޤައުމުގެ 5 އަހަރުވެފައިވާ ދާޙިލީ ހަނގުރާމައިގައި ބަޝާރުލް އަސަދުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އައިއެސް އަދި އެހެނިހެން ސުންނީ ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ބަދުރުއްދީންއަކީ ސޫރިޔާގައި ހިޒްބުﷲ އޮޕަރޭޝަންތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްކަމަށް އެމެރިކާއިން ބުނެއެވެ.