ދުނިޔެ

ބަޣުދާދުގައި ދިން ޙަމަލާތަކެއްގައި 16 މީހުން މަރުވެއްޖެ


އިރާޤުގެ ބަޣުދާދުގައި އައިއެސް ޖަމައަތުން ދިން ހަމަލާތަކެއްގައި 16 މީހުން މަރުވެއްޖެއެވެ.

މިގޮތުން ބަޣުދާދުގެ ބަލަދް ސަރަހައްދުގައި ހުރި ކެފޭއަކަށް އައިއެސް ހަނގުރާމަވެރިންތަކެއް ބަޑިން ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 25ށް ވުރެ ގިނަ މީހުން ޒަޙަމްވެފައިވާކަމަށް ފުލުހުންނާއި ހޮސްޕިޓަލްތަކުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ސެކިއުރިޓީ އޮފިޝަލުން ވިދާޅުވީ ބަޑިން ޙަމަލާދިން ހަނގުރާވެރިން ޙަމަލާ ދިނުމަށްފަހު ފިލާފައިވާކަމަށެވެ. އަދި ކެފޭ ހުރި ސަރަޙައްދުގެ ކައިރީގައިވާ ތަރުކާރީ ވިއްކާ މާރުކޭޓެއްގެ ކައިރީގައި މީގެ ތެރެއިން އެއް ހަނގުރާމަވެރިއަކާއި ސަލާމަތީ ބާރުތަކުގެ މެދުގައި ޙަމަލާ ބަދަލްކޮށް، އައިއެސްގެ ހަނގުރާމަވެރިޔާ އަމިއްލައަށް މަރުވެގެން ބޮމުގެ ޙަމަލާއެއް ދީފައިވާކަމަށެވެ.

މިހަމަލާގައި 4 މީހުން މަރުވެ، 2 މީހަކަށް ސީރިއަސް ޒަޙަމްތަކެއް ލިބިފައިވާކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އިރާޤުގެ ޝިއީން ގިނަ ސަރަޙައްދުތަކުގައި އާންމުގޮތެއްގައި އައިއެސް ހަނގުރާމަވެރިންދަނީ މިފަދަ ހަމަލާތައް ދެމުންނެވެ. އައިއެސް ހަނގުރާމަވެރިން ސަޕޯޓަރުން އޮންލައިންކޮށް މިޙަމަލާގެ ޒިންމާ ވަނީ އުފުލާފައެވެ. ބަލަދް ސަރަޙައްދަކީ 2014ވަނަ އަހަރުން ފެށިގެން އައިއެސްއިން ގަދަވެގަތުމަށް މަސައްކަތްކުރަމުންދާ ސަރަޙައްދެކެވެ.

ފުލުހުންގެ އޮފިޝަލުން ބުނީ އައި.އެސް ހަނގުރާމަވެރިން މިޙަމަލާދިން ސަރަޙައްދަށް ގޮސްފައިވަނީ ތިން ޗެކްޕޮއިންޓް ފަހަނައަޅާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބަލަދް ސަރަޙައްދުގައި ބަޣުދާދުގެ އަސްކަރިއްޔާއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.