ޚަބަރު

ކައުންޓަރ އެޓޭކުގައި މައްސަލަ ކުރިމަތިވި: ކްލާކް


"
އަހަރެމެންގެ އަމާޒަކަށްވީ ގްރޫޕް ސްޓޭޖުން އަނެއް ބުރަށް ދަތުރުކުރާ ސްކޮޓްލެންޑްގެ ފުރަތަމަ ގައުމީ ޓީމަށްވުން، އެކަމެއް ހާސިލެއްނުކުރެވުނު.
ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ރޭ ހަންގޭރީ އަތުން 1-0 އިން ބަލިވި މެޗަށްފަހު ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ބުނީ، ކުރިން ވެސް ބެލެވިފައި އޮތް ގޮތަށް ކައުންޓާއެޓޭކުގައި މައްސަލަ ކުރިމަތިވީ ކަމަށާއި، އެކަމަކު އޭނާގެ ޓީމުން ވެސް ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރި ކަމަށެވެ.

ކްލާކް ވަނީ، ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅުނުއިރު އެކަށީގެންވާ ވަރަށް ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރެވިފައިނުވާ ކަމަށް ބުނެފައެވެ. އަދި ފަހުން، އެ ޓީމު ކޮޅަށް ލަނޑެއްވަނުމުން އިތުރު ފުރުޞަތުތައް ތަނަވަސްކުރިނަމަވެސް ނިންމާލެވޭ ގޮތް ނުވި ކަމަށް ކްލާކް ބުންޏެވެ.

ކްލާކް ބުނީ، ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދަތުރުކުރާ ސްކޮޓްލެންޑަށް ނިސްބަތްވާ ފުރަތަމަ ޓީމަށްވުމަކީ އެމީހުންގެ ބޮޑު އަމާޒެއް ނަމަވެސް، އެކަން އެގޮތަށް ނުކުރެވުނު ކަމަށެވެ.

މެޗު ދިޔައީ ވަރަށް އެއްވަރުކޮށް ކަމަށް ވިޔަސް، ހަންގޭރީއާ ދެކޮޅަށް ކުޅެން އުނދަގޫވި ކަމަށާއި، ބެލެވިފައިވާ ގޮތަށް ފެނިގެންދިޔައީ އެންމެ ގޯލެއް ކަމަށް ވެސް ކްލާކް ފާހަގަކުރިއެވެ.

އަދި، ކޮންމެހެން މޮޅެއް ހޯދުމަށް އޮތް ޕްރެޝަރުގެ ސަބަބުން ވެސް މެޗުގައި ގިނަ ކަންތައްތަކެއް އޭނާގެ ޓީމާ އެއްކޮޅަށް ގޮސްފައިނުވާ ކަމަށް ވެސް ކްލާކް ވަނީ ބުނެފައެވެ.