ޚަބަރު

އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރަނގަޅަށް ކުޅެ، މެޗު ކާމިޔާބުކުރުމަށް: ކްލާކް


"
އެންމެ މުހިއްމު ވާނީ މެޗުގައި ރަނގަޅަށް ކުޅުން، އެއަށްފަހު އިތުރު ކަމަކާމެދު ވިސްނާނީ
ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް

ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި މިރޭ ހަންގޭރީއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ބުނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހަންގޭރީއާ ދެކޮޅަށް ނިކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރަނގަޅަށް ކުޅެ، މޮޅުވުމަށް ކަމަށާއި، އަނެއް ބުރަށް ދިއުމާ މެދު އެހާ ބޮޑަށް ނުވިސްނާ ކަމަށެވެ.

ކްލާކް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، ކްލާކް ބުނީ، އޭނާގެ ޓީމުން މުބާރާތުގެ ފުރަތަމަ މެޗަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި، އެކަމަކު މެޗުގައި ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް ކްލާކް ފާހަގަކުރިއެވެ.

ކްލާކް ބުނީ، ހަންގޭރީއާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި، އެ ޓީމުން ވެސް ސްކޮޓްލެންޑްއާ މެދު ދެކޭނީ އެގޮތަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކްލާކް ވަނީ، ފުރަތަމަ މެޗުގައި އޭނާގެ ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުމުގައި މެންޓަލީ އެންމެ ރަނގަޅަށް ގޭމްގެ ތެރެއަށް ވަދެވިފައިނުވާކަމަށާއި، އެ މެޗުގައި އެ ޓީމު އެންމެ ރަނގަޅަށް ކުރާ ކަންތައްތައް ކުރުމަށް ނުކުޅެދުނު ކަމަށް ބުނެފައެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗުގައި އެކަންތައް ބަދަލުކޮށްލައި ރަނގަޅު ކުޅުމެއް ދެއްކުމަށް އުއްމީދުކުރާ ކަމަށް ވެސް ކްލާކް ވަނީ ބުނެފައެވެ.

ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ޖޯން މެކްގިން ބުނީ، މެޗަށްޓަކައި ވަރަށް ފުރިހަމަ އަށް މޯޓިވޭޓްވެފައިވާ ކަމަށާއި، މިހާރު ވެސް މެޗު ކުޅުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އެގޮތުން، އޭނާ ބޭނުންވަނީ މެޗު ކާމިޔާބުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްގެން ތާރީޚު ބަދަލުކޮށްލަން ކަމަށް ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަންގޭރީއާ ސްކޮޓްލެންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.