ކުޅިވަރު

ފުރަތަމަ ދެ މެޗުން ބޭނުންވާ ފަދަ ރަނގަޅު ނަތީޖާއެއް ހޯދުނު: ޔަކީން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން، ސްވިޒަލެންޑުގެ ކޯޗު، މުރާތު ޔަކީން ވަނީ، ފުރަތަމަ ދެ މެޗުގައި ބޭނުންވާފަދަ ރަނގަޅު ނަތީޖާ ނެރެފައިވާ ކަމަށާއި، މިވަގުތު ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނެފައެވެ. ޔަކީން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޖަރުމަނު މެޗުން މޮޅުވުން ކޮންމެހެން މުހިއްމު ނޫން ކަމަށާއި، އެކަމަކު ޖަރުމަނަށް ފަސޭހަނުކުރާނެ ކަމަށް ވެސް ޔަކީން ބުންޏެވެ. އެގޮތުން، ރަނގަޅު ކުޅުމެއް ދެއްކުމަށް އިސްކަންދޭނެ ކަމަށް ވެސް ޔަކީން ވަނީ ބުނެފައެވެ.

އެ ޓީމުގެ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުމުން ހިތްހަމަޖެހޭ ކަމަށާއި، ސްވިޓްޒަލެންޑް ޓީމުގައި ކޮންމެ މަގާމަކަށް ކުޅެވޭ އެއް ކުޅުންތެރިއަކަށް ވުރެ ގިނަ ކުޅުންތެރިން އެބަތިބިކަން ވެސް ޔަކީން ވަނީ ފާހަގަކޮށްފައެވެ.

ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗު ވާނީ ވަރަށް ހާއްސަ މެޗަކަށް ކަމަށާއި، އެ މެޗުގައި ރަނގަޅު ކުޅުމަށް ދައްކަން ބޭނުންވާކަމަށް ވެސް ޔަކީން ބުންޏެވެ. އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، ހުރިހާ ފޯކަސްއެއް އޮތީ އެ މެޗަށް ކަމަށް ޔަކީން ވަނީ ބުނެފައެވެ. އަދި އެ ޓީމުގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދޭން ބޭނުންވާކަމަށް ވެސް ޔަކީން ބުނެފައިވެއެވެ.

ޔަކީން ބުނީ، އޭނާގެ ހުރިހާ ވިސްނުމެއް ހުރީ ކުރިއަށް އޮތް ޖަރުމަނު މެޗަށް ކަމަށާއި، އޭގެފަހުން ދެން ކުޅެންޖެހޭ މެޗާ މެދު ނުވިސްނާނެ ކަމަށެވެ. މެޗަށްފަހު ވާނެ ގޮތެއް އެނގިގެންދާނެ ކަމަށާއި، އެއްވެސް ޓީމެއް ފަސޭހަނުވާނެ ކަމަށް ޔަކީން ބުންޏެވެ.

ޔަކީން ވަނީ، ޖަރުމަނުން ކުޅެނީ ވަރަށް ފުރިހަމަ ސިސްޓަމަކަށާއި، އެ ޓީމުގައި ގިނަ އަދަދަކަށް މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެން އެކަން އޮތް ނަމަވެސް، އޭނާގެ ޓީމުން ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް ޔަކީން ބުންޏެވެ. އެގޮތުން، އޭނާގެ ކުޅުންތެރިންގެ ފޯކަސް އަކަށް ވާންޖެހޭނީ ފުޓްބޯޅަ އަށް ކަމަށާއި، އިދިކޮޅު ޓީމުގެ ނަމަށް ނޫން ކަމަށް ވެސް ޔަކީން ބުނެފައިވެއެވެ.

"އަހަރެމެން ކޮންމެ ހާލަތަކަށް ވެސް މި ތިބީ ތައްޔާރަށް،" ޔަކީން ބުންޏެވެ.

މެޗުގެ ކުރީން ސްވިޒަލޭންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ ބުނީ، މިދިޔަ ނުވަ މަހެއްހާ ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރިއާދެވި، ކުޅުން ކުރިއަށްގެންދެވޭތީވެ ވަރަށް އުފާވާ ކަމަށެވެ. އަދި، އޭނާ ގަބޫލުކުރާ ގޮތުގައި ސްވިޓްޒަލޭންޑްގައި އޮތީ ރަނގަޅު ޓީމެއް ކަމަށާއި، ޓިމަށް އެރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް އެމްބޯލޯ ބުންޏެވެ.

މުބާރާތުގައި ސްވިޓްޒަލޭންޑްއާ ޖަރުމަނު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.