ޚަބަރު

ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް ފަސްނުޖެހޭނެ: ނާގަލްސްމަން


ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި މިރޭ ސްވިޒަލެންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ވަނީ، އިދިކޮޅަށް ނިކުންނަ ޓީމު މުހިއްމު ނޫން ކަމަށާއި ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނަން ވެސް ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާގަލްސްމަން ބުނީ، އޭނާގެ އަމާޒަކީ މެޗު ކާމިޔާބުކޮށް، އިތުބާރު ހޯދުން ކަމަށާއި، ވަކި ޓީމަކާ ދެކޮޅަށް ނިކުތުމުގެ މުހިއްމުކަމެއް ނެތް ކަމަށެވެ.

ނާގަލްސްމަން މިހެން ބުނީ، މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ނިކުންނަން ފަސްޖެހި، ސްވިޒަލެންޑު މެޗުން ތަފާތު ނަތީޖާއެއް ނެރުމަށް ބޭނުންވެދާނެ ކަމަށް ކުރެވުނު ސުވާލަށް ޖަވާބުދިނުމުގެ ގޮތުންނެވެ. އޭނާގެ ވާހަކައިގައިވަނީ، އަމިއްލަ ޓީމު ގާތުގައި ވަކި ގޮތަކަށް ނަތީޖާ ނެރުމަށްޓަކައި މެޗަކުން ބަލިވާން ބުނުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން އަށް ތައުރީފުކުރުމަށްފަހު، ނާގަލްސްމަން ވަނީ، ޔަކީން އާއެކު އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، ވަކި ވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު އެ ގްރޫޕުގެ އެންމެ ވަރުގަދަ ޓީމަކީ ސްވިޓްޒަލޭންޑް ކަމަށް ފާހަގަކޮށްފައެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށްވެސް ނާގަލްސްމަން ވަނީ ބުނެފައެވެ. އަދި، ކުޅުންތެރިންނަށް ދައްކާފައިވާ ރީނދޫ ކާޑާ ގުޅޭގޮތުން ރިސްކެއް ނަގަން ބޭނުންނުވާ ކަމަށާއި، މުޅި ސްކޮޑުގެ އެންމެންނަށް ވެސް އިތުބާރު ކުރާކަމަށް ނާގަލްސްމަން ބުންޏެވެ.

ކުޅުންތެރިއަކަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭގޮތް ވެއްޖެނަމަ ބަދަލުގައި އެހެން ކުޅުންތެރިއަކަށް ފުރުޞަތު ދޭނެ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖަރުމަނުން ސްވިޓްޒަލޭންޑާ ދެކޮޅަށް ނިކުންނާނީ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.