ޚަބަރު

ވިސްލްބްލޯވަރުން - ކާކުކަން ނޭނގޭގޮތަށް ކޮރަޕްޝަން ރިޕޯޓުކުރެވޭނެ، ޤާނޫނުން ހިމާޔަތް ލިބިދޭ!


  • ވިސްލްބްލޯވަރުންގެ ދުވަހަކީ ޖޫން 23 ވަނަ ދުވަސް

  • މައްސަލަތައް ފަސޭހައިން ހުށައެޅޭނެ ނިޒާމު ޤާއިމްކޮށްފައިވޭ

ވިސްލްބޮލޯވަރުންނަކީ، ކާކުކަން ނޭނގޭ ގޮތަށް، ހިމާޔަތް ލިބިގެން ކޮރަޕްޝަނާއި އެނޫންވެސް ޤާނޫނާއި ޚިލާފް އަމަލުތަކުގެ މަޢުލޫމާތު، ކަމާބެހޭ އިދާރާތަކަށް ހުށައަޅާ ބައެކެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ވިސްލްބްލޯވަރުންގެ ދުވަހެވެ.

ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ތައާރަފް ކޮށްފައިވާ ވިސްލްބްލޯވަރ ނިޒާމަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކޮށް ޢާންމުކުރުމަށް ހުޅުވާލާފައިވާ ވަރަށް މުހިންމު ދޮރެކެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފަނީ ވަރަށް މަދު ބައެކެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބޭނެކަން ޔަގީންކޮށްދިން ގާނޫނެކެވެ. އެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ނޭދެވޭ އަމަލެއް ދައުލަތުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކުން ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެ ކަމުގެ މައުލޫމާތު ކަމާ ގުޅޭ ފަރާތަށް ހުށަހެޅުމަކީ ވިސްލްބްލޯ ކުރުމެވެ.

ގާނޫނުގައި ނޭދެވޭ އަމަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 ކަމެކެވެ. އޭގެތެރޭގައި ކޮރަޕްޝަންވެސް ހިމެނެއެވެ.

ޤާނޫނު ބުނާގޮތުން އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ ޝަހްސުތަކަށާއި ދައުލަތާއި އަމިއްލަ މުވައްޒަފުންނަށް ވެސް ވިސްލްބްލޯ ކުރެވެއެވެ. މި ޤާނޫނުގެ ދަށުން ވިސްލްބްލޯ ކުރާފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވީއިރު، މި ޤާނޫނުގައި ވިސްލްބްލޯކުރެވޭނެ ގޮތްތައްވެސް އަދި ޙާލަތްތައްވެސް ބަޔާންކޮށްދީފައިވެއެވެ.


"ވޯލްޑް ވިސްލްބްލޯވަރސް ޑޭ" ނުވަތަ ވިސްލްބޮލޯވަރުންގެ ދުވަސް ފާހަގަކުރަނީ ވިސްލްބްލޯކުރާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮގޮތުންނެވެ. ވިސްލްބްލޯކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ ކޮންމެ އިދާރާއެއްގެވެސް ޒިންމާއެކެވެ. އަދި އެފަދައިން އެމީހެއްގެ ހައްޤުތައް ކަށަވަރުނުވެއްޖެނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ދަށުން އުފެދިފައިވާ، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅުމުން އެކަން ބަލާނެއެވެ.

ތަނެއްގެ ތެރޭގައި ނޭދެވޭ ޢަމަލެއް ހިނގާނަމަ ލަސްނުކޮށް އެކަމެއް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ނުވަތަ އެ މުއައްސަސާއެއްގައި ޤާއިމްކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމެޓީއަށް ހުށަހެޅުމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކޮންމެ މުވައްޒަފަކަށް ވެސް ކުރެވިދާނެކަމެކެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯ ކުރުމުގެ އެތެރޭގެ އިންތިޒާމު ހަމަޖައްސައި، އެ އިންތިޒާމުތަކުގެ މައުލޫމާތު އެފަރާތުގެ މުވައްޒަފުންނަށް ދޭންޖެހެއެވެ. އެ އިންތިޒާމުތައް ހަމަޖައްސާފައި ހުރިތޯ ކަށަވަރުކުރުމާއި މޮނިޓަރކުރުމަކީވެސް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރަންޖެހޭ ކަމެކެވެ.

އެޔުނިޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް، ކޮރްޕްޝަންގެ 2 މައްސަލައާއި، ދައުލަތުގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ 2 މައްސަލައާއި، އަލުން ބަލާދިނުމަށް ހުށަހަޅާފައިވާ 2 މައްސަލަ ހިމެނެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން، ޤާނޫނު ވުޖޫދަށް އައިފަހުން، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ، ދައުލަތުގެ މަޤާމުތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކެވެ.

ދައުލަތުގެ އިދާރާތަކުން މަސައްކަތްކޮށްގެން ވިސްލްބްލޯ ކުރުމުގެ ޤާނޫނަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ.

ކޮރަޕްޝަނާއި ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ވިސްލްބްލޯކުރުމަކީ މުހިންމުކަމެއްކަން އެންމެންނަށް ވެސް އެނގެންޖެހެއެވެ. އަދި އެފަދައިން ވިސްލްބްލޯކުރާފަރާތްތަކުގެ މަޢުލޫމާތު ސިއްރުކުރެވޭނެކަމާއި އެފަރާތްތައް ރައްކާތެރިކުރެވޭނެކަންވެސް އެނގުމަކީ މުހިންމުކަމެކެވެ.

ކޮރަޕްޓުނުވެ މިސަރުކާރު ހިންގާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.

އެއްވެސް ފަރާތަކުން ކޮޕަރްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަން ސާބިތުވެއްޖެނަމަ ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށާއި އެކަމުގައި ޚިޔާލު ތަފާތުވުމެއް ނޯންނާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ޢާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް އިލްމީ ފެންވަރެއްގައި ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކުޑަ އަދި ބޮޑު މަސައްކަތެއްވިޔަސް އެއްބާރުލުން ދެއްވުމެވެ.

ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދުމަށްޓަކައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮރަޕްޝަނާއި ދެކޮޅަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހެއެވެ.