ޚަބަރު

ލ.އަތޮޅު ބޮޑު މަގުގެ ސަބަބުން ތަރައްޤީއަށް ކުރިއެރުންތަކެއް


ހައްދުންމަތީ ބޮޑު މަގުގެ ސަބަބުން، ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު އިތުރުވެ، ގަން- ފޮނަދޫ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ލ.އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވެއްޖެއެވެ.

600 ހެކްޓަރުގެ ގަމަކީ، ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. އަދި އެއްފަސްކޮށް އޮތް، ފޮނަދޫ، ކައްދޫ އަދި މާންދޫ ހިމަނައިގެން ސަރަޙައްދުގެ ބޮޑުމިން 900 ހެކްޓަރަށް އަރައެވެ. ލ.އަތޮޅުގެ ގުޅިފައިވާ ރަށްތައް ހިމެނޭ ގަން- ފޮނަދޫ ސަރަޙައްދަކީ މިހާރުވެސް، ހަ ހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ސަރަޙައްދެކެވެ. އަތޮޅުގެ ކުދި އާބާދީތަކުންނާއި، ކައިރި އަތޮޅުތަކުންވެސް ގަން- ފޮނަދޫ ސަރަޙައްދަށް ކޮންމެވެސް ވަރަކަށް މީހުން ހިޖުރަކުރެއެވެ. އަދި މާލޭ މީހުންނާއި، އުތުރާއި ދެކުނަށް ނިސްބަތްވާ ބައެއް މީހުންވެސް މި ސަރަޙައްދުގައި ދިރިއުޅެމުންދެއެވެ.

ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ 16 ކިލޯމީޓަރުގެ ދިގު މަގު، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަމުންދާއިރު، މި މަގުގެ ސަބަބުން އެ ސަރަޙައްދަށް ހިޖުރަކުރާ މީހުން އިތުރުވެގެންދާނެ ކަމަށް ލ.އަތޮޅު ކައުންސިލުން ޤަބޫލުކުރައްވައެވެ. 

ލ.އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ، އާބާދީ އިތުރުވުމަކީ އަތޮޅުގެ ތަރައްޤީ އާ ހަރުފަތަކަށް ދާނެ ކަމެއްކަމަށެވެ.

މަގުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، މި މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، ޖުލައި މަހުގެ ނިޔަލަށް މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ހައްދުންމަތީ ބޮޑު މަގަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ، 210 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ.