ކުޅިވަރު

ފުރަތަމަ 15 މިނެޓު ދިޔައީ ޕްލޭނާ އެއްގޮތަކަށް ނޫން: ޕްރޮބިއާޒް


ޔޫރޯ 2024 ގެ ގްރޫޕް ޑީގައި އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން ފުރަތަމަ 15 މިނެޓުދިޔައީ އޭނާ އެންމެ ބޭނުންވީ ގޮތަކަށް ނޫން ކަމަށާއި، އޮސްޓްރިއާގެ އެގްރެސިވް ކުޅުމަށް ރައްދު ޖަވާބެއް އޭނާގެ ޓީމަށް ނުދެވުމުގެ ސަބަބުން ގިނަ ފަހަރުމަތީން ބޯޅަ ނުހިފެހެއްޓި ގެއްލުނު ކަމަށް ޕޮލެންޑްގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފިއެވެ.

ޕޮލެންޑްގެ ކޯޗު، ޕްރޮބިއާޒް މިހެން ބުނީ ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕްރޮބިއާޒް ވަނީ، މެޗު ކާމިޔާބުކުރުމަށްޓަކައި އޭނާގެ ޓީމަށް މަދުވީ ކޮލިޓީ ކަމަށާއި، ދެން އޮތް ހަމައެކަނި ގޮތަކީ ފްރާންސާ ދެކޮޅަށް މިއަށްވުރެ އެގްރެސިވްކޮށް ކުޅުން ކަމަށް ބުނެފައެވެ.

ޕްރޮބިއާޒްގެ ވާހަކައިގައިވަނީ، އޭނާގެ ޓީމު ކޮޅަށް ދެވަނަ ލަނޑުވަނުމާއެކު އޮސްޓްރިއާ އިން ކައުންޓާއެޓޭކުގައި އިތުރު ގޯލެއް ޖެހުމަށް މަގުފަހިކުރީ ކަމަށާއި، އެކަން ހިނގި ގޮތަކީ އެއީ ކަމަށެވެ. މި ހުރިހާ މައްސަލައެއް ޕޮލެންޑަށް ކުރިމަތިވީ، ޑިފެންސިވް މިޑްފީލްޑަރެއް ނެތުމުން ކަމަށާއި، ނަތީޖާ އޮތް ގޮތުން އިތުރު ރިސްކެއް ނެގުން ނޫން ގޮތެއް ނެތް ކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ.

ޕޮލެންޑުން ބޭނުންވަނީ އެގްރެސިވްކޮށް ކުޅެން ކަމަށާއި، އެކަމުގެ މުހިއްމުކަން އޭނާގެ ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށް ޕްރޮބިއާޒް ވަނީ ބުނެފައެވެ. މިވަގުތު އަނިޔާގެ މައްސަލަތައް އެ ޓީމަށް ކުރިމަތިވެފައިވީނަމަވެސް، ކުޅެން ބޭނުންވަނީ އެގޮތަށް ކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ.

މުބާރާތުގައި ޕޮލެންޑަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 ވާ އަންގާރަ ދުވަހު ފްރާންސާ ދެކޮޅަށް ކުޅޭ މެޗެވެ.