ކުޅިވަރު

އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ: ބެލްޖިއަމް ކޯޗު


ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިރޭ ރުމޭނިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ބެލްޖިއަމްގެ ޑޮމެނިކޯ ޓެޑެސްކޯ ވަނީ، އޭނާގެ ޓީމުން އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވާ ކަމަށާއި، އެހެންނަމަވެސް ހުރިހާ ޓީމަށް ވެސް އިހުތިރާމުކުރާނެ ކަމަށް ބުނެފައެވެ.

ޓެޑެސްކޯ ބުނީ، ރުމޭނިއާ އަކީ ރަނގަޅު ޓީމެއް ކަމަށާއި، އެހެން ޓީމުތަކެކޭ އެއްގޮތަށް އެ ޓީމަށް ވެސް ބެލްޖިއަމުން އިހުތިރާމުކުރާނެ ކަމަށެވެ. އަދި ޔޫކްރޭން މެޗުގެ ކުރީން ވެސް ރުމޭނިއާގެ ފެންވަރު އެނގޭ ކަމަށް ޓެޑެސްކޯ ބުނެފައިވެއެވެ.

އެގޮތުން، ޓެޑެސްކޯ ބުނީ، ކޮލިފައިންގައި ވެސް ރުމޭނިއާ އިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، މެޗަކުން ބަލިވެފައިނުވާ ކަމަށެވެ. އެ ޓީމުން ކޮލިފައިންގައި އަމިއްލަ ގައުމުގައި ވަރުގަދަ ސްވިޓްޒަލޭންޑް ބަލިކުރިކަން ވެސް ފާހަގަކޮށްލަންޖެހޭ ކަމަށް ޓެޑެސްކޯ ބުންޏެވެ.

ޓެޑެސްކޯ ވަނީ، އޭނާގެ ޓީމުގެ ފުރަތަމަ އެގާރައާ ގުޅޭގޮތުން ބައެއް ސުވާލުތައް އުފެދިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން، އޭނާ ބުނީ އެ ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އެކްސެލް ވިޓްސެލް އަށް އަނިޔާގެ ސަބަބުން ރުމޭނިއާ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ.

އެކަމަކު، ވިޓްސެލް އަށް އަދި މުބާރާތް ނުނިމޭ ކަމަށް އުއްމީދު ކުރާކަމަށާއި، އެއްޗެއް ބުނަން އެނގޭނީ އެމްއާރްއައިއެއް ހެދުމުން ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ. އެހެންވެ އެކަމުގައި އިތުރު ރިސްކެއް ނަގަން ބޭނުންނުވީ ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ.

ޓެޑެސްކޯގެ ވާހަކައިގައިވަނީ، މެޗެއްގައި ވަރުގަދަ ފުރަތަމަ އެގާރައެއް އޮތުމުގެ މުހިއްމުކަމާއި، ގޯހެއް ހެދިއްޖެނަމަ އެކަން ރަނގަޅުކުރެވޭނެ ފަދަ ވަރުގަދަ ބެންޗެއް އޭނާގެ ޓީމުގައި އެބައޮތް ކަމަށް ބުނެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބެލްޖިއަމުން މިރޭ ރުމޭނިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.