ޚަބަރު

ކުޅުމާ މެދު ޝަކުވާއެއް ނެތް، ގޯލް ކުރިމަތީގައި ތޫނުފިލިވާން ޖެހޭ: ޑެޝޯމްޕްސް


"
އަހަރެން ކަންބޮޑުވާނީ، ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްނުކުރެވޭނަމަ،
ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް

ޔޫރޯގެ ގްރޫޕް ޑީ ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ޝަކުވާއެއް ނެތް ކަމަށާއި، އެކަމަކު ގޯލް ކުރިމަތީގައި ތޫނުފިލި ވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑެޝޯމްޕްސް ވަނީ، އޭނާގެ ޓީމަށް ލަނޑުނުޖެހުނީ ނަސީބު ކަންދިމާކުރިގޮތުން ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.

ޑެޝޯމްޕްސް ބުނީ، ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ހާއްސަކޮށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި މެޗުތަކުން ކިތަންމެ ގިނަ ޕޮޒިޓިވް ކަންތައްތައް އެބަހުރި ކަމަށެވެ. އަދި މި ދެ މެޗުގައި ވެސް އިދިކޮޅަށް މި ކުޅުނީ ވަރުގަދަ ދެ ޓީމު ކަމަށް ދަންނަންވާނެ ކަމަށެވެ.

ޑެޝޯމްޕްސް ވަނީ، މެޗަކުން މޮޅުވާނެ ލަނޑުތައް ޖަހައިގެން ކަމަށާއި، އެ ޓީމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް، އަނެއް ބުރަށް ދިއުމަށްޓަކައި އެކަންތައް ރަނގަޅުކުރުމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައެވެ.

ޑެޝޯމްޕްސް ވަނީ، ފުރަތަމަ މެޗުގައި އެންޓޮއިން ގްރީޒްމަންގެ ކުޅުން ރަނގަޅު ކަމަށާއި، އެކަމަކު އެ މެޗުގައި ފެނުނީ ޓެކްނިކަލީ ކުޑަކޮށް ދަށްކޮށް ކަމަށް ބުނެފައެވެ. މިއީ އޭނާގެ ފަރާތުން ކުރީން ނުފެންނަ ކަމެއްގެ ގޮތުގައި ޑެޝޯމްޕްސް ވަނީ ފާހަގަކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ފޯވާޑް، އޮލިވިއޭ ޖިރޫ ބުނީ، އޭނާ އަށް ހީވާގޮތުގައި މެޗު ޑޮމިނޭޓްކުރީ ފްރާންސުން ކަމަށާއި، އޭނާގެ ޓީމުން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށެވެ.

ތިން ޕޮއިންޓް ނުލިބުމުން ކުޑަކޮށް މާޔޫސްވެފައިވާ ކަމަށާއި، އެކަމަކު އެއްވަރުވުމަކީ ގޯސް ނަތީޖާއެއް ނޫން ކަމަށް ޖިރޫ ބުންޏެވެ. އެމީހުންނަށް އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް ޖިރޫ ބުނެފައިވެއެވެ.