ޚަބަރު

ނަތީޖާއާ މެދު މާޔޫސްވާން ޖެހޭ: ކޫމަން


"
ފްރާންސް ފަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ވަރަށް އުނދަގޫ ކަމެއް،
ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން

ޔޫރޯގެ ގްރޫޕް ޑީ ގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ނިކުތް ނަތީޖާއާ މެދު މާޔޫސްވާންޖެހޭ ކަމަށާއި، މެޗުގައި އޭނާގެ ޓީމުން ބޯޅަ ހިފަހައްޓަންޖެހޭ ކިތަންމެ ހާލަތެއްގައި ބޯޅަ ގެއްލިފައިވާކަން ފާހަގަކޮށް، އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނެފިއެވެ.

ނެދަލެންޑްސްގެ ކޯޗު، ކޫމަން މިހެން ބުނީ ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، ކޫމަން ވަނީ، އޭނާގެ ޓީމުގެ ލައިންތަކުގެ މެދުގައި ބޮޑު ޖާގައެއް އޮތް ކަމަށާއި، ފަހު ހާފުގައި ވެސް ކުޅުން އިތުރަށް ރަނގަޅުކުރެވެން ވާނެ ކަން ފާހަގަކޮށްފައެވެ.

"މިއީ މޮޅެއް ކަމުގެ އިހުސާސެއް ނުކުރެވޭ، އެހެން ނުވެސް ބުނާނަން." މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުންޏެވެ.

ކޫމަން ބުނީ، އޭނާގެ ޓީމުން މެޗަށް ނިކުތީ މޮޅުވެ، ލަނޑުތަކެއް ޖަހަން ކަމަށެވެ. އެ ޓީމަށް ލަނޑުޖަހާނެ މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވީނަމަވެސް، އޭނާގެ ޓީމެކޭ އެއްފަދައިން ފްރާންސުން މި ނަތީޖާއާ މެދު ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭނެ ކަމަށެވެ.

ކޫމަން ދެއްކި ވާހަކައިގައި ވަނީ، އޭނާގެ ޓީމުން ބޭނުންވީ އެމީހުންގެ ހަގީގީ ސްޓައިލްގެ ބޯޅަ ކުޅެން ކަމަށާއި، އެހެން އެގޮތަށް ނުކުރެވުނީ ބޯޅަ ހިފެހެއްޓޭގޮތްނުވުމުން ކަމަށް ފާހަގަކޮށްފައެވެ. އަދި، ރިއެކްޓްކުރާ ސްޕީޑް އަވަސްކުރަންޖެހޭ ކަމަށާއި، ފޯވާޑްލައިނުން ގިނަ ފުރުޞަތުތައް ތަނަވަސްކުރަންޖެހޭ ކަމަށް ވެސް ކޫމަން ވަނީ ބުނެފައެވެ. ނިންމާލަމުން ކޫމަން ވަނީ، އޭނާގެ ޓީމަކީ އަދިވެސް ކުރިއަރަމުން އަންނަ ޓީމެއް ކަމަށް ފާހަގަކޮށްފައެވެ.

މެޗަށްފަހު ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބުނީ، ނަތީޖާއާ މެދު މާޔޫސްވިނަމަވެސް ޓީމުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށާއި، ބައިކޮޅަށް ލަނޑެއްވަނަނުދިނުމަށް ރަނގަޅު ޑިފެންސެއްކުރިކަމަށެވެ.

ވެން ޑައިކް ވަނީ، ގިނަ ސަބަބުތަކާހުރެ ކުރިއަށް އޮތް އޮސްޓްރިއާ މެޗު ފަސޭހަނުވާނެ ކަމަށާއި، އެހެންކަމުން އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ބުނެފައެވެ.