ކުޅިވަރު

ސްލޮވާކިއާއާ ދެކޮޅަށް ކުޅޭނީ މޮޅުވުމުގެ ރޫހެއްގައި: ރެބްރޯވް


"
ރުމޭނިއާ އަތުން ބަލިވުމުގެ ޒިންމާ ކޯޗާއި ހުރިހާ ކުޅުންތެރިން ނަގަންޖެހޭ
ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިއަދު ސްލޮވާކިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް ބުނީ، ސްލޮވާކިއާ އާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ނިކުންނަން ޖެހޭނީ މޮޅުވުމުގެ ރޫޚުގައި ކަމަށެވެ.

ރެބްރޯވް ބުނީ، އެންމެ ފަހު މެޗުގައި ކަންތައް ދިމާވިގޮތުން ކުރިއަށް އޮތް މެޗުގައި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން، އޭނާ ވަނީ، ދަނޑުމައްޗަށް ކުޅެން ކުޅުންތެރިން ނަގަނީ ފޯމާއި އެ ކުޅުންތެރިއެއްގެ ލެވެލްއަށް ބަލާފައި ކަމަށް ބުނެފައެވެ.

"އެ ޓީމު އެނަލައިޒްކޮށްލުމުން ވަރަށް ޑިސިޕްލިންކޮށް ކުޅޭ ޓީމެއްކަން ފެނިގެންދިޔަ،" ރެބްރޯވް ބުންޏެވެ.

ރެބްރޯވް އިތުރަށް ބުނީ، އޭނާ އަބަދުވެސް ގަބޫލުކުރަނީ ސްލޮވާކިއާ އަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި، ބޮޑެތި ކުލަބުތަކަށް ކުޅޭ ކުޅުންތެރިން އެ ޓީމުގައި ހިމެނޭކަމަށެވެ. މީގެއިތުރުންމ ސްލޮވާކިއާ އިން ބެލްޖިއަމް ބަލިކުރީ މޮޅު ސްޓައިލެއްގައި ވަރުގަދަ އަށް ކުޅެގެން ކަމަށާއި، އެ ޓީމަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށް ވެސް ރެބްރޯވް ވަނީ ބުނެފައެވެ.

ޔޫކްރޭންގެ ޑިފެންޑަރު، އޮލެގްސެންޑަ ޒިންޗެންކޯ ބުނީ، އެ ކަހަލަ މެޗުތަކާ ވެސް ކުރިމަތިލާންޖެހޭ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެއާ މެދު މާގިނަ ވާހަކަނުދެއްކުން ކަމަށް ޒިންޗެންކޯ ބުންޏެވެ. އެގޮތުން، އޭނާގެ ހުރިހާ ފޯކަސްއެއް އޮތީ ކުރިއަށް އޮތް ސްލޮވާކިއާ މެޗު ކަމަށާއި، އެ މެޗަށް ފުރިހަމަ އަށް ތައްޔާރުވާން ބޭނުންވާކަމަށް ޒިންޗެންކޯ ވަނީ ބުނެފައެވެ. އަދި ޒިންޗެންކޯ ބުނީ، އެ މެޗު ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ.

މުބާރާތުގައި ސްލޮވާކިއާ އާ ދެކޮޅަށް ޔޫކްރޭން ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.