ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމާއި، އޮޅުވާލައިގެން ފައިސާ ފޭރުން ހުއްޓުވުމަށް މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލަތަކަކީ މިހާތަނަށް ޙައްލު ނުވެއޮތް މައްސަލަތަކެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ފޯނު ވައްދައިގެން ސްކޭމް ކޯލްކުރާކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކަން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެފަދަ ކޯލްތައް ހުއްޓުވުމަށް މާފުށީ ޖަލުގައި 2 މެޓަލް ޑިޓެކްޓަރު މިދިޔަ ހަފްތާގައި ހަރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް މަހުގެ ތެރޭގައި ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވާކަމށެވެ. މިއީ މި މައްސަލަ ޙައްލުކުރުމަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
"ހިތާމަވެރި ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާ އެއްޗެހި ފެންނަމުންދޭ. މަސްތުވާތަކެތި އެބަފެނޭ. އަޅުގަނޑުމެން އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން އެދަނީ އަޅަންމުން. އެޕޯޝަން ޙައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގަ ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގަ ބޭންކާއެކުގަ ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ޚާއްޞަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގަ އިންނާނެ ޤާއިމްކުރަން. އެހެންވީމަ މިއީވެސް އަޅުގަނޑުމެންގެ ފޯކަސް އޭރިއާއެއް މިކަމުގައި." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ސްކޭމް ކޯލްތައް ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެންމެ މުހިންމީ އަވަސް ފިޔަވަޅުތަކެއް އެޅުންކަމަށެވެ.
"މީހާގެ ފައިސާ ފޭރިގަންނަ ހާލުގަ ވީއެންމެ އެންމެ މުހިންމީ އޭތި ރިކަވާކުރެވޭނެ މަގު. އެއަށްމިހާރު އަޅުގަނޑުމެން ޕްރޮޓޮކޯލްސްތައް ހަދަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިމައްސަލަވެސް ވަރަށް އަވަސްކަމާއެކު ކުރިއަށްއޮތްތަނުގައި ހައްލުކުރާނަން. ނަމަވެސް ދުނިޔޭގެ އެންމެ ޓްރެންޑިން އެއް ކްރައިމް އެއީ ސައިބަރ ކްރައިމްއަކީ. މިކަމަށް ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ރައީސްގެ ގަރާރަކުން އެވަނީ އުފައްދަވާފައި. އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެހެންވީމަ އެ އެޖެންސީ ހެދުނީމަ ޕްރިވެންޝަން ސައިޑުންވެސް އަދި އަޅުގަނޑުމެން އޮފެންސަށް އަންނައިރުގަ އެޑިފެންސް ކުރެވޭނެ ކަންތައްވެސް ފަސޭހައިން ކުރެވޭނެ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021ވަނަ އަހަރުން ފެށިގެން ސްކޭމްގެ މައްސަލަތަކާ ގުޅޭ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން، މިއަހަރުގެ ޖެނުއަރީއާ ހަމައަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 28،003 މައްސަލަ ހުށައަޅާފައިވެއެވެ. މި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ 57 މިލިއަނުން މައްޗަށް އަރައެވެ. މީގެތެރޭގައި 64ލައްކަ ޑޮލަރުވެސް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރާ ސްކޭމްގެ ތެރޭގައި ފްލެޓާއި ބިމާއި ގުޅޭ ފައިސާގެ މުޢާމަލާތާއި، އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގުމުގެ ނަމުގައާއި އޮންލައިން ވިޔަފާރިތަކާއި ޑޮލަރުގެ މުވާމަލާތްތައްތަކުން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނޭކަމަށެވެ. ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރާކަމަށް ފުލުހުން ފާހަގަކޮށްފައިވަނީ ޖަލުތަކުންނެވެ.
ސްކޭމްގެ މައްސަލަތައް އަވަހަށް ދެނެގަނެ، މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ޙައްލުކުރުމަށް "ސްކޭމް ސެންޓަރ" މިއަހަރު ޤާއިމްކުރެވޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.