މުޖުތަމަޢެއްގެ އަޚްލާގީ މިންތަކާއި އިޖުތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއްސިފައަކީ ލަދުވެތިކަމުގެ ސިފަކަމަށާއި، ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއްކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުތުބާގެ މައުޟޫއަކީ، "ލަދުވެތިކަމާއި ޢިއްފަތްތެރިކަން!" މިއެވެ.
ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފައެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ލަދުވެތިކަމުގެ މާތް ސިފައިގެ މުހިންމުކަމުން ކީރިތި ރަސޫލާ މިސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިންކަމަށެވެ.
ޚުތުބާގައި ވިދާޅުވީ، ލަތުވެތިކަމަކީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުންކަމަށެވެ. އަދި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ލަދުވެތިކަމަކީ، އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ ކަމެއްކަމަށެވެ. އަދި އެއީ އީމާންތެރިކަމުގެ ތެރެއިންވާކަމެއްކަމަށް ރަސޫލާ ހަދީޘްކުރައްވާފައިވާކަން ވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ލަދުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިއްފަތްތެރިކަން އިސްކުރާނެކަމަށާއި، އަދި އެފަދަ މީހާ އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން ޔޫސުފްގެފާނަށް ކުރިމަތިވި ހާދިސާއިން މިސާލުނަންގަވާ، ޚުތުބާގައި ވިދާޅުވީ، އެކަލޭގެފާނު، އެއިމްތިޙާނުން ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ސަބަބުންކަމަށެވެ.
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތް އުފާވެރިކަން ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ.
" އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަން ބަޔާންކުރައްވައި ކީރިތި ރަސޫލުﷲ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ހަސަބާއި މަޤާމުގެ ގޮތުންނާއި، ރީތިކަމުގެ ގޮތުން އަރައި ހުރި އަންހެނަކު، ފާޙިޝްކަމަކަށް ގޮވައިލުމުން އަހުރެން ﷲއަށް ބިރުވެތިވަމޭ ބުނެ އެ ކަމުން ދުރުހެލިވި މީހާއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ރިވެތި ސިފައިން ބޭރުވެ އެކިއެކި ފާޙިޝް މަންޒަރުތައް ހިއްސާކުރަމުންދާކަން ފާހަގަކުރައްވަމުން، ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމް ކަމެއްކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.
" މުސްލިމް އަޚުންނޭވޭ! ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ." ޚުތުބާގައި ވިދާޅުވިއެެވެ.
ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު ފެތުރުމަށް ލޯބިކުރާ މީހުންނަށް ޢާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނެކަން، ކީރިތި ޤުރުއާނުން ދަލީލު ނަންގަވާ ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، އަޅުގަނޑުމެން އެންމެންނަކީ ވެސް އީމާންކަމާއި ޢިއްފަތްތެރިކަމަށް ރައްކާތެރިވާ ލަދުވެތި ބަޔަކުކަމުގައިވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.