ޚަބަރު

"ޝަރުޢީ ދާއިރާ ވާންޖެހޭނީ މީޑިއާއާ ރަހުމަތްތެރި ދާއިރާއަކަށް"


ޝަރުޢީ ދާއިރާ ވާންޖެހޭނީ، މީޑިއާއާ ރަޙުމަތްތެރި މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިޙްތިރާމްކުރާ ދާއިރާއަކަށްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. ފަނޑިޔާރުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ، މީޑިއާގެ ފަރާތްތަކާއި މީޑިއާގެ ބެލެނިވެރި އިދާރާތަކާއި، މީޑިއާއާ ޝަރުޢީ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މާޙައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ. އެގޮތުން ޖުލައިމަހުގެ ތެރޭގައި، އޯޕަން ހައުސް މީޑިއާ ހަފްތާ ޝަރުޢީ ދާއިރާއިން ފާހަގަކުރާއިރު، ކުރިއަށް ގެންދާނެ ޙަރަކާތްތައް ޝަރުޢީ ދާއިރާގެ ވެރިން ކުރިއަށްއޮތް ދުވަސްތަކުގައި މީޑިއާއަށް ހާމަކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ. 

މީގެ އިތުރުން ޝަރުޢީ ދާއިރާއިން އެހެނިހެން އިދަރާތަކާއި ގުޅިވަޑައިގެން ކުރުމަށް ނިންމާފައިވާ ބައެއް ކަންކަން ޙިއްސާކުރައްވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރައްވާ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން ބާއްވާ "ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް 2016، އަ ޖުޑީޝަލް ޕަރސްޕެކްޓިވް" އާ ބެހޭ ކޮންފަރެންސް އޮގަސްޓްމަހު ބާއްވަވާނެކަމަށެވެ. މިއީ ވަރލްޑް ބޭންކްގެ ޑުއިންގ ބިޒްނަސް އިންޑަކްސްގައި ރާއްޖޭގެ ދަރަޖަ އެއް އަހަރުން އަނެއް އަހަރަށް ދަށަށްދާން ދިމާވާ ސަބަބުތައް ދެނެގަނެ، އެކަންތައްތައް ރަނގަޅުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ކުރައްވަމުންދާ މަސައްކަތުގައި ޝަރުޢީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބާއްވާ ކޮލޯކިއަމެއް ކަމަށްވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރާ ދާއިރާއަކަށް ހެދުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.