ޚަބަރު

ސްޕެއިނުން ނުހަނު އުނދަގޫތައް ކުރިމަތިކުރި: ސްޕަލެއްޓީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ސްޕެއިން އަތުން 0-1 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ވަނީ، މެޗުގެ ނަތީޖާއާ ހިލާފަށް ސްޕެއިނުން ނުހަނު ގިނަ އުނދަގޫތައް އޭނާގެ ޓީމަށް ކުރިމަތިކުރި ކަމަށް ބުނެފައެވެ.

ސްޕަލެއްޓީ ބުނީ، އޭނާގެ ޓީމުން ކުޅެން މަސައްކަތްކުރީ ފޫހި ގޮތަކަށް، އެ މީހުންގެ ޑިފެންސްގެ މަތިން ބޯޅަތަކެއް ލައިގެން ކަމަށާއި، އެއަށްފަހު ބޯޅަ އަނބުރާ ލިބޭ ވަގުތުތަކުގައި އެންމެ ރަނގަޅަށް ނުހިފެހެއްޓުނު ކަމަށެވެ. އެކަމުގެ ސަބަބުން، އެމީހުން އަތުން ބޯޅަ އަލުން އަނބުރާ ހޯދުމަށް ވެސް އުނދަގޫތައް ކުރިމަތިވި ކަމަށް ސްޕަލެއްޓީ ބުންޏެވެ.

އަދި އެމީހުންގެ ކައުންޓާ-ޕްރެސް ތަކުގައި އުނދަގޫތައް ކުރިމަތިވިއިރު އެންމެ އާދައިގެ ޕާސްތައް ޖެހުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި، އެ ކަހަލަ ކަންތައްތަކަކީ ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށް ސްޕަލެއްޓީ ވަނީ ބުނެފައެވެ.

ސްޕެއިނުގެ ކުޅުމަށް ތައުރީފުކޮށްފަ ސްޕަލެއްޓީ ބުނީ، އެންމެންވެސް އެ މީހުންގެ ކުޅުން ކޮޕީކުރަން ބޭނުންވާނެ ފަދަ ކުޅުމެއް އެ ޓީމުން ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން، އެމީހުންގެ ފަރާތުން ރީތި ފުޓްބޯޅައެއް ކުޅެމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ސްޕަލެއްޓީ ފާހަގަކުރިއެވެ.

ކުރިއަށް އޮތް ތަނުގައި އޭނާގެ ޓީމުން ކުރީ މެޗުތަކޭ އެއްފަދައިން ބޯޅަ ހިފެހެއްޓުމަށް ސަމާލުކަންދޭން ޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް އެ ޓީމުން ކުޅެން ބޭނުންވާ ގޭމް ނުކުޅެވޭނެ ކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

މުބާރާތުގައި އިޓަލީ އަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.