ކުޅިވަރު

މެޗު ކޮންޓްރޯލްކުރަން އުނދަގޫވެ ހާސްވުމުން އެންމެ ރަނގަޅަށް ނުކުޅެވުނު: ސައުތުގޭޓް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ޓީމަށް މެޗު ކޮންޓްރޯލްކުރަން އުނދަގޫވުމުގެ ސަބަބުން ހާސްކަން ބޮޑުވެ، އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތް ނުވީ ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ސައުތުގޭޓް މިހެން ބުނީ ގްރޫޕް ސީގައި ރޭ ޑެންމާކާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ސައުތުގޭޓް ބުނީ، އޭނާ އުއްމީދުކުރި ވަރުގެ ކުޅުމަކާ ގާތަށްވެސް ކުޅެވިފައިނުވާ ކަމަށާއި، އިންގްލެންޑަށް އެންމެ ރަނގަޅަށް ބޯޅަ ނުގެންގުޅެވޭ ކަމަށެވެ. އަދި މިދިޔަ ދެ މެޗުގައި ދެއްކި ކުޅުން ރަނގަޅުކޮށް، އިދިކޮޅު ޓީމަށް މިއަށްވުރެ ބޮޑަށް ޕްރެޝަރުކުރެވެން ވާނެކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. މިވަގުތަށް ބަލާއިރު އޭނާގެ ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވޭކަން ސައުތުގޭޓް ފާހަގަކުރިއެވެ.

ސައުތުގޭޓް ބުނީ، މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންވާނަމަ މިއަށްވުރެ ރަނގަޅަށް ކުޅެންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ޓީމުން ކުޅުނު ދެ މެޗު ރަނގަޅަށް އެނަލައިޒްކޮށް، ދިމާވި މައްސަލަތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ބުނީ، ބޯޅައާއެކު އަދި ބޯޅައާ ނުލައިވެސް އޭނާގެ ޓީމުން މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި، މިހާތަނަށް އެންމެ ރަނގަޅަށް ނުކުޅެވުނަސް ނަތީޖާ ނެރެވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.

އިންގްލެންޑުން ގާތްގަނޑަކަށް ކޮލިފައިވެފައިވާކަމަށާއި، ނަތީޖާ އެންމެ ބޭނުންވާގޮތަށް ނުނިކުތުމުން ގައުމުގައި ތިބި ސަޕޯޓަރުން ހިތްހަމަނުޖެހޭނެ ކަމަށްވެސް ކޭން ބުންޏެވެ. އެކަމަކު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތު ކަމަށް ކޭން ވަނީ ބުނެފައެވެ.

މުބާރާތުގައި އިންގްލެންޑަށް ދެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 އަންގާރަ ދުވަހުގެ ރޭ ސްލޮވީނިއާ އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.