ކުޅިވަރު

މިއީ ގޮތް ދޫނުކޮށް، ކުރި މަސައްކަތުން ލިބުނު ޕޮއިންޓެއް: ސާބިއާ ކޯޗު


ޔޫރޯ ފުޓުބޯޅާ މުބާރާތުގެ ގްރޫޕް ސީގައި ސްލޮވީނިއާ އަތުން ސާބިއާއަށް ޕޮއިންޓެއް ލިބުނީ ގޮތްދޫނުކޮށް، ހިތްވަރާއެކު އެންމެ ފަހުވަގުތާ ޖެހެންދެން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ ސްލޮވީނިއާ އާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭނާ ބުނީ މުޅި މެޗުގައި ވެސް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ކަމަށާއި، އެކަމަކު 90 މިނެޓުގެ ތެރޭގައި އެކަން ކާމިޔާބުނުވީ ކަމަށެވެ.

ސްލޮވީނިއާ އަތުން ބަލިވާން ބޭނުންނުވާތީވެ، އޭނާގެ ޓީމުން ހުއްޓުމެއްނެތި ކުރި މަސައްކަތް ކުރިއަށްގެންގޮސް ލަނޑެއްޖަހައި ޕޮއިންޓެއް ހާސިލުކުރީ ކަމަށް ވެސް ސްޓޮއިކޮވިޗް ބުންޏެވެ.

ޔޮޗިޗްގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، އޭނާއަކީ މޮޅު ކުޅުންތެރިއެއް ކަމަށް ސްޓޮއިކޮވިޗް ބުންޏެވެ. އަދި، ކިތަންމެ ކުޑަ ޖާގައެއް ލިބުނު ނަމަވެސް ޔޮވިޗް ސްކޯކުރާނެ ކަމަށާއި، އެ ލަނޑާއެކު މުޅި ޓީމަށާއި އޭނާއަށް ވެސް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށް ސްޓޮއިކޮވިޗް ވަނީ ބުނެފައެވެ.

ސާބިއާގެ ފޯވާޑް، އަލެކްސެންޑްރާ މިޓްރޮވިޗް ވަނީ، މި ލިބުނު ޕޮއިންޓާއި ޖެހި ގޯލުވެސް އެހާ މުހިއްމު ކަމަށް ބުނެފައެވެ. އަދި، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މެޗުގެ ތެރެއަށް އެނބުރިއާދެވުން ހައްގު ކަމަށެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ސްލޮވީނިއާ ކަމަށްވީނަމަވެސް، ސާބިއާ އިން ފުރުޞަތުތަކެއް ތަނަވަސްކޮށް، ނިންމާނުލެވުނު ކަމަށް މިޓްރޮވިޗް ބުންޏެވެ.

ސާބިއާއަށް އެއްވަރުކޮށްދިން ލަނޑުޖަހައިދިން ފޯވާޑް، ލޫކަ ޔޮވިޗް ބުނީ، ސްލޮވީނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، އެމީހުން ހުއްޓުވަން އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އެހެންކަމުން މިއީ ހައްގު ނަތީޖާއެއް ކަމަށެވެ.