ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދުވެލި މިދިޔަ އަހަރަށްވުރެ މިއަހަރު ހަލުވިވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން އިޤްތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑު ޙިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތަކެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޤައުމީ އުފެއްދުންތެރިކަން ހުރީ 4 އިންސައްތައިގައިކަމަށެވެ. އަދި މިއަހަރު އިޤްތިޞާދީ ދުވެލި ހުންނާނީ 4.9 އިންސައްތައިގައިކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން އިޤްތިޞާދަށް އަންނަ ކުރިއެރުންތަކުގަައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ޗައިނާ އާއި ޔޫރަޕް ފަދަ މުހިންމު މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކާއެކު ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށް އަންނަ ކުރިއެރުންތަކަކީވެސް އިޤްތިޞާދު ދުވެލި ހަލުވިވުމަށް ލިބޭ ބާރެއްކަމަށްވެސް ރިޕޯޓްގައިވެއެވެ.
މިދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރު ފުރަތަމަ ކުއާޓަރުގައިވެސް މަސްވެރިކަން ފިޔަވައި ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު އެެހެން ސިނާއަތްތަކަށް ވަނީ ކުރިއެރުން ލިބިފައިވާކަމަށް ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވެއެވެ.
2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އާއްމުކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމުގެ މަޤްސަދުގައި ނެރޭ ރިޕޯޓެކެވެ.
އެމްއެމްއޭގެ ރިޕޯޓްގައި އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާޢަތްތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ތަފްސީލާއި، އިޤްތިޞާދާއި ގުޅޭ އެހެނިހެން ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.