ކުޅިވަރު

ކޮޕާ އެމެރިކާ: މެސީގެ އެހީއާއެކު އާޖެންޓީނާ ފެށީ މޮޅަކުން


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ކެޕްޓަން، ލިއޮނަލް މެސީގެ އެހީ އާއެކު އެ ޓީމުން 2-0 ގެ ނަތީޖާއަކުން ކެނެޑާ އަތުން ހޯދީ މޮޅާއެކު މުބާރާތް ފަށައިފިއެވެ.

އާޖެންޓީނާ އިން މި މެޗު ފެށިއިރު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ވާދަކުރި ފުރަތަމަ އެގާރައިގައި ހިމެނުނު 8 ކުޅުންތެރިން ތިބިއެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، ނިކޮލަސް އޮޓަމެންޑީ، ނިކޮލަސް ޓަގްލިއަފީކޯ އަދި އެންޒޯ ފެނާންޑޭޒްގެ ބަދަލުގައި ލިސަންދްރޯ މާޓިނޭޒް، މާކަސް އަކޫނިއާ އަދި ލެއަންޑްރޯ ޕަރެޑޭސް އަށް ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ ފުރުޞަތުދީފައެވެ.

އެމެރިކާގެ އެޓްލާންޓާގައި ހުންނަ މާސެޑީސް-ބެންޒް ސްޓޭޑިއަމްގައި ފަތިހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ޑޮމިނޭޓްކޮށް، ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފި، ނިންމާލަންޖެހުނީ ލަނޑެއްނުޖެހިއެވެ. އެގޮތުން، މި ހާފުގައި އާޖެންޓީނާގެ ޕަރެޑޭސް ގޯލާއި 22 ޔާޑުދުރުން ފޮނުވާލި ބޯޅަ ގޯލްގެ މަތިން ކިރިޔާ ބޭރަށްދިޔައިރު، އެ ޓީމުގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ކެނެޑާގެ ކީޕަރު، މެކްސީމް ކްރެޕީއު ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި 43 ވަނަ މިނެޓުގައި ކެނެޑާގެ ސްޓެފަން ޔުސްޓަކީއޯ ބޮލުން ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ހުއްޓުވިއެވެ. އަދި އެބޯޅަ ދެވަނަ ފަހަރަށް އަލްފޮންސޯ ޑޭވީސް އަށް ލިބުމުން ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ.

މި މެޗުގައި އާޖެންޓީނާ އިން ލީޑްނެގި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އަލެކްސިސް މެކްއެލިސްޓާ އަށް މެސީ ބޮލުން ޖައްސާލި ޕާހުގެ އެހީގައި ވަނީ އަލްވަރޭޒްގެ ލަނޑުޖެހުމަށް މަގުފަހިކޮށްދީފައެވެ. މި ގޯލާއެކު މިހާތަނަށް އަލްވަރޭޒް ގައުމީ ޓީމަށް ކުޅުނު 32 މެޗުގައި ޖެހި ލަނޑުގެ އަދަދުވަނީ އަށަކަށް އަރާފައެވެ.

އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާގެ ލީޑް ފުޅާކޮށްދޭން މެސީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ކެނެޑާގެ ކީޕަރު، ކްރެޕީއު މަތަކުރިއެވެ. އެ ބޯޅަ ދެވަނަ ފަހަރަށް މެސީ ފޮނުވާލުމުން ކެނެޑާގެ ޑިފެންޑަރު، ޑެރެކް ކޮނީލިއަސް ވަނީ ބްލޮކް ކޮށްފައެވެ.

އަދި އޭގެފަހުން، މެޗުގެ 79 ވަނަ މިނެޓުގައި މެސީ އަށް ހުސްކޮށް ލިބުނު ފުރުޞަތެއްގެ ކެނެޑާގެ ކީޕަރު، ކްރެޕީއުގެ ބޯމަތިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓުފަހުން، ކެނެޑާގެ ޑިފެންޑަރު، މޮއިސް ބޮމްބީޓޯގެ ވަރުގަދަ ޓެކުލަކުން މެސީ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ނަމަވެސް، ދަނޑުން ނުފައިބާ މަޑުކުރިއެވެ.

މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އާޖެންޓީނާގެ ދެވަނަ ލަނޑު، ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް، ލަޓާރޯ މާޓިނޭޒް އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ކުޅެން ނިކުތް މާޓިނޭޒް މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން، މެސީ ދިން ހިތްގައިމު ޕާހަކުންނެވެ. މިއީ ގައުމީ ޓީމަށް މާޓިނޭޒް ޖަހައިދިން 25 ވަނަ ގޯލެވެ.

މި މެޗާއެކު މެސީ ވަނީ ކޮޕާ އެމެރިކާގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގާއިމްކޮށްފައެވެ. މެސީ ވަނީ މިހާތަނަށް މި މުބާރާތުގައި 35 މެޗު ކުޅެފައެވެ. ކުރިން މި ރެކޯޑް އޮތީ ޗިލީގެ ސާޖިއޯ ލިވިންސްޓޯން އަތުގައެވެ.

އަނެއްކޮޅުން މި މެޗުގައި ވާދަކުރި ކެނެޑާ އަކީ މުބާރާތުގެ ތާރީޚުގައި ކުޅުނު 20 ވަނަ ގައުމެވެ. އަދި އެ ގައުމަކީ ކޮންކާކަފް ސަރަހައްދުން ކޮޕާ އެމެރިކާގައި ވާދަކުރި 8 ވަނަ ގައުމެވެ.

މެޗަށްފަހު ވާހަކަދައްކަމުން މެސީ ބުނީ، މެޗު ފެނުނީ ފިޒިކަލީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި މެޗު ކުޅެމުންދިޔަ ވަގުތު ބޯޅަ ހޯދުމަށްފަހު ހުސް ޖާގަތަކަށް ހޯދައި، އެ ބޯޅަ އެހެން ކުޅުންތެރިއަކަށް ކުޅުމަށް ދަތިކަން ކުރިމަތިވިކަމަށް މެސީ ބުންޏެވެ.

އާޖެންޓީނާގެ ކީޕަރު، މާޓިނޭޒް ވަނީ، މެޗު ކުޅުނު ޕިޗުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ، އެކަމުގެ ސަބަބުން އާޖެންޓީނާ ޓީމުން އާއްމުކޮށް ކުޅެމުން އަންނަ ގޭމް ކުޅެން އުނދަގޫވި ކަމަށް ބުނެފައެވެ.

މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ އަށް ދެން އޮތީ އަންނަ ބުދަ ދުވަހު ޗިލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު މި މަހުގެ 30 ވާ އާދީއްތަ ދުވަހު އެ ޓީމުން ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ.