ޚަބަރު

މޮޅަށް ކުޅެ އިޓަލީ ބަލިކޮށް، ސްޕެއިން ދެވަނަ ބުރަށް


މުޅި މެޗުގައިވެސް އިޓަލީއަށް ފުރުސަތު ނުދީ މޮޅަށް ކުޅެ، ސްޕެއިންއިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފިއެވެ. އިޓަލީގެ މައްޗަށް ސްޕެއިން އިން ކުރި ހޯދީ 1-0 ނެވެ. އިޓަލީ ދެވަނަ ބުރު ޔަގީން ކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މެޗުން ސްޕެއިން މޮޅުވި ލަނޑަކީ އިޓަލީ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ އަރިމަތިން ނިކޯ ވިލިއަމްސް ނަގައިދިން ހުރަސް، ގޯލް އޭރިޔާ ތެެރޭ އެކަނި ހުރެ ކަލަފިއޯރީ ސާފްކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެގެންނެވެ.

މުޅި މެޗުގައިވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ހޯދާ، އެޓޭކް ކުރީ ސްޕެއިންއެވެ. ނަތީޖާ ފަރަގު ކުޑަވުމުގައި އިޓަލީ ކެޕްޓަން އަދި ކީޕަރު ޑޮންނަރުމާގެ ދައުރު ބޮޑެވެ. އޭނާ ވަނީ ގިނަ ބޯޅަ ތަކެއް ހުއްޓުވާފައެވެ. ސްޕެއިން އިން ފުރަތަމަ ހަމަލާ އުފެއްދީ 9 ވަނަ މިނިޓްގައެވެ. ނިކޯ ވިލިއަމް ގޯލް އޭރިޔާ ބޭރުން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މިއީ މެދުތެރޭން ޕެޑްރީ އަރިމަތީގައި ހުރި މޮރާޓާ އަށް ޖައްސާލުމުން, މޮރާޓާ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެކެވެ.

23 ވަނަ މިނިޓްގައި މޮރާޓާ ބޯޅައާއެކު ގޯލް އޭރިޔާ ތެރެއަށް ވަދެ އަރިމަތިން ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ. ޖެހިގެން އައި މިނިޓްގައި ހާފްގެ މެދަކާ ހިސާބުން ސްޕެއިންގެ ފަބިއަން ރުއިޒް ފޮނުވާލި ބާރުބޯޅަ ކައިވަތެއްހާ ތަނުން ބޭރަށް ދިޔައީ ކީޕަރު އަތުގަ ޖެހިފައެވެ. 28 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ރޮޑްރީ ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ އިޓަލީ ޑިފެންޑަރެއް ފައިގަ ޖެހިފައެވެ. 40 ވަނަ މިނިޓްގައި ޑީ އޭރިޔާ ބޭރުން ފަބިއަން ލުއިޒް ފޮނުވާލި ބޯޅަ ދިފާއުކުރީ އިޓަލީ ކީޕަރެވެ.

57 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން މޮރާޓާ ފޮނުވާލި ބާރުބޯޅަ ހުރަސް ދަނޑި މަތިން ކޯނަރަކަށް ބެރުކޮށް ކީޕަރު އަތުން ޖައްސައެވެ. ނިކޯ ވިލިއަމްސް ނަގައިދިން ކޯނަރުން ފަބިއަން ރުއިޒް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވާ ސާފްކޮށްލީ އިޓަލީ ޑިފެންޑަރުންނެވެ. 59 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ޔަމާލް ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރުވީ ފޫޓެއްހާހާ ތަނެވެ.

70 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ކަނާ ދިމާލުން ނިކޯ ވިލިއަމްސް ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ ގޯލްގެ ކަނާ ދިމާލުން ހުރަސް ދަނޑީގައި ޖެހިފައެވެ. މިއީ މެޗުގައި ފެނުނު އެންމެ ނުރައްކާތެރި އެޓޭކެވެ. 51 ވަނަ މިނިޓްގައި ކުކުރޭލާ އޭރިޔާ ތެރެއަށް ވަދެ ސީދާ ޕެޑްރީ ފަޔަށް ބޯޅަ ޖައްސާލުމުން, ފޮނުވާލެވުނީ އަރިމަތިން ބޭރަށެވެ

މެޗުގެ އިތުރު ވަގުތުގައި ވެސް ދެފަހަރެއްގެ މަތީން ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ސްޕެއިން ދިޔައެވެ. ބަދަލަށް ނިކުއިން އަޔޯޒް ޕެރޭޒް ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުންވެސް އޭރިޔާ ތެރެއަށް ވަދެ އަޔޯޒް ޕެރޭޒް ފޮނުވާލި ރަނގަޅު ބޯޅަ އެއް ދިފާއުކުރީ ކީޕަރެވެ.

މުޅި މެޗުގައިވެސް އިޓަލީ އަށް ސްޕެއިންގެ ގޯލަށް ރަނގަޅު ބޯޅައެއް ފޮނުވާ ނުލެވެއެވެ. ނަމަވެސް ދެފަހަރެއްގެ މަތީން ގޯލް އޭރިޔާ ތެރެއަށް ދެބޯޅައެއް ހުރަސްކުރިއެވެ. ފުރަތަމަ 66 ވަނަ މިނިޓްގައި ކްރިސްޓަންޓޭ ގޯލްއޭރިޔާ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައިގަ ޖަހާނެ ކުޅުންތެރިއަކު ނެތުމުން ހުރަސްވެގެން ދިޔައީ އެވެ. އިތުރު ވަގުތުގައިވެސް އެފަދަ ބޯޅައެއް ހުރަސްވެ، ބޭނުން ނުކުރެވި ދިޔައެވެ.
މިގްރޫޕުން ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނު އިރު ހަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ސްޕެއިން އެވެ. 3 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އިޓަލީ އެވެ. އަލްބޭނިޔާއާއި ކްރޮއޭޝިޔާ އޮތީ ޕޮއިންޓަކާ އެކުއެވެ.