ޚަބަރު

މިއަހަރުގެ ޙައްޖުގައި ދިމާވި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރާނަން: ޝަކީލް


  • އެންމެ ބޮޑު ޝަކުވާއަކަށްވީ މިނާގެ ފޭލިގެތަކުގެ ޖާގަ ކުޑަވުން

  • މިއަހަރަށްވުރެ އިންތިޒާމް ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވި

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދިމާވި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ޙައްޖުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މިނާގެ ފޭލިގެތަކުގެ ޖާގަ ކުޑަވެ ތޮއްޖެހިގެން ތިބެން ޖެހުމުގެ ޝަކުވާއެވެ. މިކަމަށް އިޝާރާތްކުރައްވާ ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަން މިހާރަށްވުރެ ފަސޭހައިން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. މިނާގެ ފޭލިގެތަކުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި އިތުރު ޚަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ޙައްޖުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާ ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

" ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދޭނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް. ކުރިއަށް އޮތްތަނުގައި މިކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރާނަން." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ޙައްޖުގެ އޮޕަރޭޝަނަކީ ބޮޑު އޮޕަރޭޝަނެއްކަމަށާއި 1149 ޙައްޖުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ބޮޑު މަސައްކަތެއްކަމަށެވެ. މީހުން އުފުލުމުގައި 25 ބަސް ބޭނުން ކުރިކަން ފާހަގަކުރައްވާ ޝަކީލްވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޙައްޖުވެރިންގެ އެހީތެރިން ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖުގައި 100އެއްހާ މީހުން ގެއްލިގެން ރިޕޯޓުކުރިކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ޓްރެކިން ޑިވައިސް ބޭނުންކޮށްގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމީހުން ހޯދިކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ގެއްލޭ ދިވެހި ޙައްޖުވެރިން ފަސޭހައިން ހޯދުމުގެ ކަންކަން މެނޭޖްކުރެވުނު ފަހަރުކަން ޝަކީލް ފާހަގަކުރެއްވިއެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން 1149 މީހަކު ވަނީ އަދާކޮށްފައެވެ. ޙައްޖުވެރިން މިވަގުތު މައްކާގައި ތިބިއިރު ޖުމުލަ ގޮތެއްގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.