މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިން ޙައްޖުގެ ހުރިހާ މަނާސިކުތައް ފުރިހަމަކޮށް ޙައްޖުގެ އަޅުކަން އަދާކޮށްފިއެވެ. މިފަހަރު ރާއްޖެއިން 1150 މީހުން ޙައްޖަށް ދިޔަނަމަވެސް ޙައްޖުގެ އަޅުކަން ފެށުމުގެ ކުރިން އެކަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރީ 1149 ދިވެހިންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. މީގެ އިތުރުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ 50ވަރަކަށް މީހުން ތިބިއިރު މީގެ ތެރޭގައި ކެންސަރާއި ކިޑްނީ ބަލިފަދަ ބޮޑެތި ބަލަިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެވެ. އަދި އުމުރުން 70 އަހަރުން މަތީގެ ގިނަ މީހުން ތިބިިއިރު ފުރޮޅުލީ ގޮނޑީގައި ޙައްޖުވި މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. ބައެއް ބަލި މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނުނަމަވެސް ޞިއްޙީގޮތުން މާ ބޮޑު މައްސަލަތަކެއް ކުރިމަތިނުވެ ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްނިންމާފައެވެ.
ޙައްޖުގެ އަޅުކަން ކުރިއަށްދިޔަ ގޮތަށް ބަލާއިރު ޙައްޖުމަހުގެ 8 ވަނަ ދުވަހު މިނާގައި މަޑުކުރުމަށްފަހު އެރޭ އަރަފާތުބިމަށް ދިއުމަށް ދަތުރުފެށިއެވެ. އަދި ޙައްޖުމަހުގެ 9 ވަނަ ދުވަސް، އަރަފާތު ދުވަހުގެ ހެނދުނު ހުރިހާ ދިވެހިން ތިބީ އަރަފާތު ބިމުގައެވެ. އަރަފާތު ބިމުގައި ދިވެހިންތިބީ ދިވެހިންނަށް ޚާއްސަ ޓެންޓްތަކުގައި އަންހެން ފިރިހެން ވަކިންނެވެ. އަދި އެދުވަހު ނަމިރާ މިސްކިތުގައި ދިން ޚުތުބާއަށްފަހު ދިވެހިންނަށް ޚާއްސަކޮށްގެން ދިވެހިބަހުން އަރަފާތުބިމުގައި ޚާއްސަ ޚުތުބާއެއް ދިނެވެ. އަރަފާތު ދުވަހުގެ އިރުއޮއްސުމާއެކު ދެން ދަތުރުފެށީ މުޒްދަލިފާއަށް ދިއުމަށެވެ. މަގުމަތީގައި ކާރޫބާރު ބޮޑުވުމުގެ ސަބަބުން ބަހުގައި 4 ވަރަކަށް ގަޑިއިރު ހޭދަކުރަން ޖެހުނެވެ. އަދި މުޒްދަލިފާގައި މަޑުކުރުމަށްފަހު އެނބުރި މިނާއަށް ދަތުރުފެށީ ފައިމަގުގައެވެ. މިނާގައި ތިބި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު ތިން ޖަމްރާއަށް ދިވެހި ޙައްޖުވެރިން ވަނީ ހިލައުކާފައެވެ. އަދި އަމިއްލައަށް ނުދެވޭ ފަރާތްތަކަށް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން ވަނީ ހިލައުކާދީފައެވެ. ޖަމްރާތަކަށް ހިލައުކާ ނިންމުމަށްފަހު ރޭ އެނބުރި މައްކާއަށް އައިސް ބައެއް ޙައްޖުވެރިން ތަވާފުލް އިފާޟާ އަދާކޮށް، ޞައުޔުކޮށް ޙައްޖުގެ ހުރިހާ މަނާސިކުތައް ފުރިހަމަކޮށް ޙައްޖުގެ އަޅުކަން ފުރިހަމަކުރިއެވެ. އަދި ދެން ތިބި ޙައްޖުވެރިން ތަވާފުލް އިފާޟާ އަދާކޮށް ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރީ މިއަދުއެވެ.
ޙައްޖުގެ މި މަތިވެރި އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަށް މަގު އޮޅި އުޅޭ ތަނަށް އަންނަން ނޭނގުމުގެ ޙާދިސާތައް ހިނގިއެވެ. އެހެންނަމަވެސް މިއަހަރު ބޭނުންކުރި ޓްރެކިން ޑިވައިސްގެ އެހީތެރިކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމީހުން ހޯދައެވެ.