"ކެނެޑާ އަކީ މޮޅު ޓީމެއް، އެ ޓީމުގައި މުހިއްމު ކުޅުންތެރިންތަކެއް އެބަތިބި.އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ
ކޮޕާ އެމެރިކާ 2024 ގައި ކެނެޑާއާ ދެކޮޅަށް ނިކުތުމުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނީ، ކެނެޑާ އަކީ މޮޅު ޓީމެއް ކަމަށާއި، އައު ކޯޗާއެކު އެ ޓީމުން ތަފާތު ދައްކާނެ ކަމަށެވެ. އެހެންކަމުން، އާޖެންޓީނާ އިން އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ ކަމަށެވެ.
އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕާއި، ކޮޕާ އެމެރިކާގެ ޗެމްޕިއަން، އާޖެންޓީނާ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، މުބާރާތުގެ އުނދަގޫކަން އެނގޭ ހާލުގައި ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ކޯޗު، ސްކަލޯނީ ވަނީ ބުނެފައެވެ.
ސްކަލޯނީ ބުނީ، އޭނާގެ ޓީމުން މިހާތަނަށް ފުރިހަމަ ކާމިޔާބީތައް ހާސިލްކޮށްފައިވީނަމަވެސް އެއީ މާޒީ ކަމަށެވެ. އޭނާގެ ހުރިހާ ވިސްނުމެއް އޮތީ މިހާރަށް ކަމަށެވެ.
މީގެއިތުރުން، ސްކަލޯނީ ވަނީ، މިއަދު ފުޓްބޯޅައިގައި ‘ޕްރޮސެސް’ މި ލަފުޒު ކުރިއަށް ގެންނަން ވަރަށް އުނދަގޫ ކަމަށާއި، އެކަންތައް އާޖެންޓީނާ ޓީމަށް ހާސިލްކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމަށް ލިބިފައިވާ ކަމަށް ބުނެފައެވެ.
މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާއާ ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ.