ޚަބަރު

އަހަރެންގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރިމަތިކުރުވާކަށް ބޭނުމެއް ނޫން: ސްޕަލެއްޓީ


"
ސްޕެއިނާއި އިޓަލީ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަކީ ޑާބީއެއް ނޫން، ޔޫރޯ ފަދަ މުބާރާތެއްގެ ކޮންމެ މެޗަކީ ފައިނަލެއް
އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ

ޔޫރޯ 2024 ގެ ގްރޫޕް ބީ ގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ބުނީ، އޭނާގެ ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުކުރާން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ސްޕަލެއްޓީ ބުނީ، އޭނާގެ ޓީމުގެ ލަނޑުޖެހުން އިތުރަށް ރަނގަޅުކުރުމާ މެދު ނުވިސްނާނެ ކަމަށާއި، އެންމެ މުހިއްމު ކަމަކީ ލަނޑުޖެހުމަށްޓަކައި އެ ބޯޅަ ހިފައިގެން ގޯލްއޭރިޔާއާ ހިސާބަށް ދިއުން ކަމަށެވެ. އެ ހިސާބަށް ދެވުމުން އެންމެ އުނދަގޫ މަސައްކަތް އެ ކުރެވުނީ ކަމަށާއި، ލަނޑުޖެހުމުގެ ރެކޯޑް އިތުރަށް ރަނގަޅުކުރުމަށް ޓީމުގެ ކުޅުންތެރިން ބޮޑު ޕްރެޝަރެއްގެ ތެރެއަށް ވައްޓާނުލާނެ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

އެގޮތުން، މުބާރާތުގެ ކޮންމެ މެޗަކީ ވެސް ހަނދާނުން ފޮހެލަން ދަތިވާނެ މެޗެއް ކަމަށާއި، އެހެންކަމުން ހުރިހާ މެޗެއްގެ މުހިއްމުކަން އުޅެނީ އެއްވަރެއްގައި ކަމަށް ސްޕަލެއްޓީ ވަނީ ބުނެފައެވެ.

އަދި، އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ފަދަ ކުޅުމެއް ސްޕެއިނާ ދެކޮޅަށް ދައްކަންޖެހޭނެ ކަމަށާއި، އެ ޓީމަށް ގިނަވަގުތު ބޯޅަ ގެންގުޅޭނެ ފުރުޞަތުދީފި ނަމަ އޭގެ ސަބަބުން އިޓަލީ އަށް މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

ސްޕެއިނުގެ ކުޅުމަށް ތައުރީފުކޮށް ސްޕަލެއްޓީ ދެއްކި ވާހަކައިގައިވަނީ، އެ ޓީމުން ކުޅެނީ ވަރަށް ގަޔާވާ ފަދަ އެޓޭކިންގ ފުޓްބޯޅައެއް ކަމަށާއި، އެމީހުން ވަރަށް ރަނގަޅަށް ޕްރެސްކުރާނެ ކަމަށް ބުނެ، އޭނާގެ ގޯލްކީޕަރަށް ވެސް އެފަދަ ހާލަތެއް ކުރިމަތިކުރުވާނެކަން ފާހަގަކޮށްފައެވެ.

ސްޕެއިނާ ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް ސަމާލުވެ ތިބެން ޖެހޭނެ ކަމަށާއި، އެޓޭކްކުރުމުގެ އިތުރުން ޑިފެންސްކުރަންޖެހޭ ހާލަތްތަކުގައި ވެސް ފަރުވާތެރިވެ، ވިސްނުންތެރިކަމާއެކު މަސައްކަތްކުރަންޖެހޭނެ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

އަދި، ސްޕެއިން ނޫނަސް މިހާތަނަށް މުބާރާތުގައި މޮޅު ފުޓްބޯޅަކުޅެމުން އަންނަ އެހެން ޓީމުތައް ތިބިކަން ފާހަގަކޮށް ސްޕަލެއްޓީ ބުނީ، އެ ލެވެލް އަށް އިޓަލީ ދިއުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނާއި އިޓަލީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.