ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ ސްވިޓްޒަލޭންޑްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ބުނީ، ސްވިޓްޒަލޭންޑަކީ ބޮޑު ޗެލެންޖެއް ކަމަށާއި، އެއީ ހުރިހާ ގޮތަކުން ވަރުގަދަ އެއް ޓީމު ކަމަށެވެ. އެހެންކަމުން އެ މެޗު އެއްވެސް ގޮތަކަށް ފަސޭހަނުވާނެ ކަމަށެވެ.
ޖަރުމަނު އަތުން ބަލިވި މެޗުން އަރައިގަތުމަށް ކުރިއަށް އޮތް މެޗުގައި ރަނގަޅު ކުޅުމެއް ދައްކަންޖެހޭ ކަމަށް ބުނެ، ކްލާކް ވަނީ ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅެން ވެސް ފަސޭހަނުވާނެ ކަމަށް ބުނެފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ފެނިގެންދިޔަ ކަންތައް ބަދަލުކޮށް، ދަނޑުމައްޗަށް އަރައި ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާކަމަށް ކްލާކް ބުންޏެވެ.
ކްލާކް ވަނީ، ޖަރުމަނު ޓީމަށް ޓޮނީ ކްރޫސް މުހިއްމު ފަދައިން، ގްރޭނިޓް ޒާކާ އަކީ ސްވިޓްޒަލޭންޑަށް އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ފާހަގަކޮށްފައެވެ.
އެގޮތުން، ކްލާކް ބުނީ، ޖަރުމަނު މެޗުގައި ކްރޫސް ހުއްޓުވުމުގައި ނާކާމިޔާބުވިނަމަވެސް، އެ ޓީމުން ނިކުންނާނީ ސްވިޓްޒަލޭންޑްގެ ޒާކާ އަށް ހާއްސަ ޕްލޭންއަކާ އެކު ކަމަށެވެ.
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ފަސޭހައެއް ނޫން ކަމަށާއި، އެ ދުވަހު ކުޅުނީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށް ސްކޮޓްލެންޑްގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ވަނީ ބުނެފައެވެ.
ރޮބަޓްސަން ބުނީ، ކުރިއަށް އޮތް މެޗުގައި ހުރިހާ އޭރިއާ އަކުން ރަނގަޅުކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން، ރޮބަޓްސަން ވަނީ، އޭނާގެ ޓީމަށް ކުޅެން އެނގޭ ރަނގަޅު ފުޓްބޯޅަ ކުޅެ، ކާމިޔާބު ހޯދަން ބުރަ މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކޮށްފައެވެ.
ނިންމާލަމުން ރޮބަޓްސަން ބުނީ، ސްކޮޓްލެންޑްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރުވެރިވާ ކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް މެޗުގައި ހުރިހާ އެންމެން ހިތްހަމަޖެހޭފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑްއާ ސްވިޓްޒަލޭންޑާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.