ކުޅިވަރު

ފޭސް މާސްކާއެކު ކުޅުނު ބައެއް ތަރިން!


  • []

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 1-0 ން އޮސްޓްރިއާ މޮޅުވި މެޗުގެ 90 ވަނަ މިނިޓްގައި ފްރާންސް ކެޕްޓަން ބަދަލުކުރީ މަޖުބޫރު ވެގެންނެވެ. 25 އަހަރުގެ ކީލިއަން އެމްބާޕޭ ގެ ނޭފަތް ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ އަންނަމުން ދިއުމުން އޭނާ ބަދަލުކުރުން ނޫން ގޮތެއް ކޯޗު ޑިޝޯންޕްސް އަކަށް ނެތެވެ. ޓީމްގެ ކެޕްޓަން އެއް ފަހަރު ފަރުވާއަށްފަހު ރެފްރީގެ ހުއްދަވެސް ނެތި ދަނޑަށް އަރާ ކުޅެވޭތޯ ބެލިއެވެ. އެކަމަކު އެކަން ކާމިޔާބުނުވެ ރީނދޫ ކާޑަކާއެކު ޖެހުނީ އެހެން ކުޅުންތެރިއަކަށް ފުރުޞަތު ދިނުމަށްފަހު ފައިބާށެވެ.

މުބާރާތުގައި ކުޅޭ އެންމެ ބޮޑު އެއް ނަން މުބާރާތުން ވަކިވުމަކީ ފުޓްބޯޅަ ސަޕޯޓަރުން އެދޭ ކަމެއް ނޫނެވެ. ކުރިއަށް އޮތް ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެން ސޮއިކޮށްގެން ހުރި އެމްބާޕޭ މިޔޫރޯގައި ދައްކާ ޖާދޫ ބެލުމުގެ ޝައުޤުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންގެ ބޮޑެވެ. ނަމަވެސް އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާ ކުޑައެއް ނޫނެވެ. ހުކުރު ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް އޭނާއަށް ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. އަދި ގްރޫޕް ސްޓޭޖްގައި ދެން ނުކުޅެވިދާނެކަމަށްވެސް ބައެއް ރިޕޯރޓްތައް ބުނެއެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅާ ފްރާންސް ދަތުރުކޮށްފި ނަމަ ޔަގީނުންވެސް ފޭސްމާސްކާއެކު އޭނާއަށް ކުޅެވޭނެ އެވެ. އަދި ފޭސްމާސްކާއެކު ގްރޫޕް ސްޓޭޖްގައި ކުޅެވުމުގެ އުއްމީދެއްވެސް އެބައޮތެވެ.

ފަރުވާއަށްފަހު ޓީމްގެ ކޭމްޕާ އެމްބާޕޭ ވަނީ ގުޅިފައެވެ. މުބާރާތުގައި އޭނާ ދެން ކުޅޭނީ ފޭސްމާސްކާއެކީ ކަން ފްރާންސް ފެޑެރޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ. ބޮޑަތި މުބާރާތްތަކުގައި ފޭސްމާސްކާއެކީ ކުޅޭ ފުރަތަމަ ކުޅުންތެރިއަކަށް އެމްބާޕޭއެއް ނުވާނެއެވެ. ފުޓްބޯޅައިގެ ތަރިން މީގެކުރިންވެސް ވަނީ ފޭސްމާސްކާއެކު އެންމެ މޮޅު ކުޅުން ދައްކާފައެވެ.

ސައުތްކޮރެއާގެ ކެޕްޓަން ސޮން 2022 ވަނަ އަހަރުގެ ވަރލްޑްކަޕްގައި ކުޅުނީ ފޭސްމާސްކާ އެކުއެވެ. އެއީ ޗެމްޕިއަންސް ލީގުގައި ލޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ވަރލްޑްކަޕަށް ދާން ޖެހުނީ މާސްކް އަޅައިގެންނެވެ. އޭރު ސޮން ބުނީ މާސްކް އަޅައިގެން ކުޅުމަކީ އުއްމީދުކުރި ވަރަށްވުރެ ފަސޭހަ ކަމެއް ކަމަށެވެ.

ކްރޮއޭޝިޔާގެ ޑިފެންޑަރ ގްވާޑިއޯލް ވެސް ވަރލްޑްކަޕްގައި ކުޅުނީ މާސްކެއް އަޅައިގެންނެވެ. މިޔޫރޯގައިވެސް ކުޅޭ ޑިފެންޑަރ އެންމެ ފަހުގެ ވަރލްޑްކަޕްގައި މާސްކް އަޅަން ޖެހުނީ ޖަރުމަނު ލީގުގައި ކުޅެނިކޮށް ނޭފަތް ފަޅައިގެން ދިއުމުންނެވެ. މިހާރު މެންޗެސްޓަރ ސިޓީގެ ޑިފެންޑަރުގެ އޭރުގެ ކްލަބަކީ އާރުބީ ލައިޕްޒިގް އެވެ. އޭނާއަކީ މިދިޔަ ވަރލްޑްކަޕްގެ އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ޖަރުމަނުގެ އެންޓޯނިއާ ރުޑިގާ 2020 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނީ ވެސް މާސްކެއް އަޅައިގެންނެވެ. މިމުބާރާތުގަވެސް ޖަރުމަނުގެ ޑިފެންސްގެ މައި ތަނބު ރެއާލް މެޑްރިޑްގެ ރުޑިގާ މާސްކް އެޅީ ޗެލްސީ އަށް ކުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭޕްރީލް މަހު މޫނަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަންގެ ބާކީބައިގަ ޗެލްސީއަށް ވެސް އަދި އެއަހަރުގެ ޔޫރޯގައިވެސް މާސްކް އަޅައިގެން ރުޑިގާ މޮޅަށް ކުޅުނެވެ.

މީގެއިތުރުން ނަޕޯލީގެ ވިކްޓަރ އޮސިމްހެން އާއި އިންގްލެންޑްގެ ހެރީ ކޭންއާއި، ޗެލްސީގައި ޑިއެގޯ ކޮސްޓާ އާއި، ސްޕެއިންގެ ސެސް ފެބްރިގާޒް އާއި، ޕޮލެންޑްގެ ލެވަންޑޯސްކީ އާއި ފެރަން ޓޮރޭޒްއާއި ޖޯން ޓެރީ ފަދަ ކުޅުންތެރިންވެސް މާސްކާއެކު ކުޅެފައި ވެއެވެ.