ޚަބަރު

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ 56ވަނަ ބައްދަލުވުމުގައި ރާއްޖެއިން މުހިންމު މަޝްވަރާތައް ކުރާނެ


  • މުހިންމު 3 ދާއިރާއެއްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވޭ

  • ބައްދަލުވުންތައް އަންނަ މަހުގެ 12ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 56 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކެއްގެ ސެޝަންތަކުގައި ސްޓޭޓްމަންޓް ހުށައަޅާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އދ.ގެ އިސްސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ބައްދަލުވުންތައް މިހާރު ފަށާފައިވާއިރު، މި ބައްދަލުވުންތައް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން، ކުރިއަށްގެންދާ ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވެ ސްޓޭޓްމަންޓްތައް ހުށައަޅާނެކަމަށެވެ.

އެގޮތުން ކުދި ޖަޒީރާ ޤައުމުތަކުގެ ގްރޫޕުން، މޫސުމަށް އަންނަ ބަދަލުތަކާ އެކަންކަމުން ކުރަމުންދާ އަސަރުތަކާ، ކަންކަން ތަންފީޒުކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުތަކުގެ މަސައްކަތްތައް ތަމްސީލުކުރުމުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ، ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާނެއެވެ.

މީގެއިތުރުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ޖަޖުންނާ ލޯޔަރުން މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމާ ގުޅޭގޮތުން، މަޝްވަރާކުރުމަށް ބާއްވާ ކޯ-ގްރޫޕްގެ ބައްދަލުވުމުގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ.

މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެއިތުރުން ރާއްޖޭގެ ފަންނީ އިސް ބޭފުޅުންގެ ޓީމެއް ބައިވެރިވެވަޑައިގަންނަވައެވެ.