ޚަބަރު

ފަޔާޒްގެ މައްޗަށްކުރާ ދަޢުވާގައި 10 މީހެއްގެ ހެކިބަސް ނަގައިފި


ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސިފައިންގެ އިންޓެލިޖެންސް ކުރީގެ ވެރިޔާ އަޙުމަދު ފަޔާޒް ޢަލީގެ މައްޗަށް ދަޢުވާކުރާ މައްސަލާގައި 10 މީހެއްގެ ހެކިބަސް ނަންގަވައިފިއެވެ. ދައުލަތުން ފަޔާޒުގެ މައްޗަށް ދެ ދަޢުވާއެއް އުފުއްލަވާފައިވާއިރު މިއަދު ހެކިބަސް ނަންގަވާފައިވަނީ ޢަދުލްއިންސާފު ޤާއިމްކުރެއްވުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގައެވެ. މި މައްސަލާގައި ފަޔާޒުގެ އިތުރަށް ސިފައިންގެ 2 މީހުންކަމަށްވާ އަޙުމަދު ތިހާމާއި މުސާ ޒަމީރުގެ މައްޗަށްވެސް ދައުލަތުން ދައުވާކުރައްވައެވެ.

މި މައްސަލާގައި މިއަދު ހެކިބަސް ދިން ގިނަ މީހުން ބުނެފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމަށްފަހު އެ ލޯންޗަށް އެރީ އަޙުމަދު ފަޔާޒްގެ އެންގެވުމަށް ކަމަށެވެ. އަދި ލޯންޗަށް އެރި މޫސާ ޒަމީރު އަތަށް އެއްވެސް އަންގިއެއް ލެއްވުމެއް ނެތި ކުށުގެ ވެށީގައި ހުރި ބައެއް ތަކެތި ނަގާފައިވާކަން ހެއްކަކު ފާހަގަކޮށްފައިވެއެވެ. ހެކިދިން ބައެއް މީހުން ބުނީ މި މައްސަލާގައި ހިމެނޭ ތިހާމް ލޯންޗަށް އެރުމަށްފަހު އެ ލޯންޗްގައި އެއްޗެއް ގޮވި ތަނާއި ކަރަންޓް ބޯރޑް ހުންނަ ތަނުގައި ފަތިގަޑެއް ކާއްތާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން މި 3 މީހުންގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާގައި ބުނެފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުން އެ ސަރަޙައްދަށް ގޮސް، އަމުރު މަޢުރޫފް ހިންގައި، ކުށުގެ ވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅުމެއްނެތި ލޯންޗަށް ސިފައިން އަރުވާފައިވާ ކަމަށެވެ. އަދި މޫސާ ޒަމީރާ އަޙުމަދު ތިހާމް ލޯންޗަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަޞީލަތްތައް ބޭނުންކުރުމަކާނުލާ އެއްވެސް ރައްކާތެރިކަމެއްނެތި ކުށުގެ ވެށިން ތަކެތި ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ.

ދައުލަތުގެ މި ދަޢުވާއަށް މި 3 މީހުންވެސް ވަނީ އިންކާރުކޮށްފައެވެ. ދައުލަތުގެ ދަޢުވާތަކަށް އިންކާރްކުރައްވަމުން އަޙުމަދު ފަޔާޒް ވިދާޅުވީ އެދުވަހު އެނާ ކުރެއްވި ކަމެއް ކުރެއްވީ އެނާގެ މައްޗަށް ތިއްބެވި ވެރިން ކުރެއްވި އަމުރުތަކަށް ކަމަށެވެ.