ޚަބަރު

މުއްދަތު ހަމަވީއިރު ނުނަގާހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފި


  • ހަޓުތައް ނަގަން މި މަހުގެ 15އާ ހަމައަށް މުއްދަތު ދިން

  • ހަޓުތައް ނަގަނީ އެ ސަރަހައްދު ތަރައްގީކުރުމަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް ނަގަން ފަށާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ވަނީ މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް އެތަނުގައި ވިޔަފާރިކުރަމުން އައި ފަރާތްތަކަށް މުއްދަތު ދީފައެވެ. މި މުއްދަތުގައި ބައެއް ފަރާތްތަކުން ހަޓުތައް ނެގި ނަމަވެސް ގިނަ ހަޓުތަކުގައި މުއްދަތު ހަމަވިއިރުވެސް ވިޔަފާރި ކުރަމުން އައިކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ހުރި ހުރިހާ ހަޓުތައް ނެގުމަށް އެޗްޑީސީން އެންގީ އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެ ސަރަހައްދުގައި ހަޓުތައް ހަދައިގެން ކެފޭއާއި ހެދިކާ ވިއްކާ ތަންތަން ހިންގަމުންއައީ އެޗްޑީސީގެ ހުއްދަނެތިއެވެ.


އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކުގައެވެ.

ރޭވުންތެރިކަމެއް ނެތި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ޤާއިމުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެއެވެ.

އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.