ކުޅިވަރު

ތުރުކީން ބުނަނީ ޖޯޖިއާ ފަސޭހަނުވާނެ ކަމަށް، ސަޕޯޓަރުންގެ ފައިދާ ލިބޭނެ ކަމަށް


"
ޖޯޖިއާ އަކީ އިވެލުއޭޓްކުރަން އުނދަގޫ ޓީމެއް، އެ މީހުން ތިބޭނީ ވަރަށް މޯޓިވޭޓްކޮށް.
ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި މިރޭ ޖޯޖިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، ޖޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށެވެ.

އެހެންކަމުން، މެޗު ފެށިގެން ނިމެންދެން އޭނާގެ ޓީމުން ތިބެންޖެހޭނީ ވަރަށް ވިސްނައިގެން ކަމަށާއި، ވަރަށް އޯގަނައިޒްކޮށް ކުޅެން ޖެހޭނެ ކަމަށެވެ.

ކުރިން އިޓަލީ އަށް ކުޅެފައިވާ މޮންޓެލާ ބުނީ، މިހާތަނަށް އަލަށް ވެސް ތުރުކީ އަށް ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން މޮޅުވެވިފައިނުވިޔަސް މި ފަހަރު މިއީ އެކަން ބަދަލުކުރާނެ ފަހަރު ކަމަށެވެ. އޭނާގެ ޓީމުން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާއި، ނިކުންނާނީ މެޗު ކާމިޔާބުކުރުމަށް ކަމަށެވެ. މީގެއިތުރުން، ތުރުކީގެ ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނުގައި ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް މޮންޓެލާ ވަނީ ބުނެފައެވެ.

ތުރުކީގެ މިޑްފީލްޑަރު، ސާލިހް އެރްޒްޖާން ބުނީ، ޖޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ހާއްސަވާނެ ކަމަށެވެ. ފެށުން ރަނގަޅުކުރަން ބޭނުންވިޔަސް މެޗު ފަސޭހަނުވާނެ ކަމަށް ވެސް އެރްޒްޖާން ފާހަގަކުރިއެވެ. އޭނާގެ ޓީމުގެ ޕްލޭނާ އެއްގޮތަށް ކުޅެވިއްޖެނަމަ، މެޗު ކާމިޔާބުކުރެވޭނެ ކަމަށާއި، އެކަމަކު އާދައިގެ މިސްޓޭކެއްވެސް ހަދައިގެން ނުވާނެ ކަމަށް އެރްޒްޖާން ބުންޏެވެ.

އެރްޒްޖާން ބުނީ، ޖަރުމަނުގައި ކުޅުމަކީ އަމިއްލަ ގައުމުގައި ކުޅުން ފަދަ އިހްސާސްތަކެއް ކުރެވޭ ކަމެއް ކަމަށާއި، އެހެންކަމުން ސަޕޯޓަރުންނަކީ އޭނާގެ ޓީމަށް އޮތް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

މުބާރާތުގެ ގްރޫޕް އެފް ގައި ތުރުކީއާ ޖޯޖިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 8 ޖަހާއިރު އެވެ.