އެމްބާޕޭއަށް ދެން މުބާރާތުގައި ނުކުޅެވިދާނެ ކަމަށް ބެލެވިއްޖެ އެވެ.
އެމްބާޕޭއަށް ނުކުޅެވިދާނެ ކަމަށް ބެލެވުނީ މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ނޭފަތް ފަޅައިގެން ގޮސްގެން ބަދަލު ކުރަން ޖެހުމުންނެވެ. 90 ވަނަ މިނިޓްގައި އެމްބާޕޭ ބަދަލުކުރީ ގިނަ އަދަދަކަށް ލޭ އަންނަމުން ދާތީއާއި، ލޭ އައުން ނުހުއްޓުވުމުންނެވެ. ފުރަތަމަ ދަނޑުން ފައިބާ ދެވަނަ ފަހަރަށްވެސް ނިކުމެ ފްރާންސް ކެޕްޓަން ވަނީ ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލޭ މަނާނުވެ، ކުޅުން ކުރިއަށް ގެންދެވޭގޮތް ނުވިއެވެ. މެޗު ފުރިހަމަ ކުރަން ބޭނުންވެފައި ހުރި އެމްބާޕޭ ރެފްރީގެ ހުއްދައާ ނުލައި ދަނޑަށް އެރުމުން ރީނދޫ ކާޑެއްވެސް ދެއްކި އެވެ.
އެމްބާޕޭ ނޭފަތަށް އަނިޔާވެ ލޭ އަންނަން ފެށީ ބޯޅައިގަ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޮސްޓްރިއާގެ ކެވިން ޑަންސޯގެ އުޅަނބުށިން ޖެހިގެންނެވެ. އެމްބާޕޭއަށް އަވަސް ފަރުވާ ދޭންޖެހޭކަމުގެ އިޝާރާތް ކުރީ އޮސްޓްރިއާ ކީޕަރު ޕެޓްރިކް ޕެންޓްޒް އެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ނުބެލެވޭ ކަމަށާއި، ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަމަށެވެ. މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ފްރާންސް ކޯޗު ޑެޝޯޕްމްސްއާ ނޫސްވެރިން ތަކުރާރުކުރީ އެމްބާޕޭގެ ހާލަތާ ގުޅޭ ސުވާލުތަކެވެ. ކޯޗު ބުނީ އެވަގުތު އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، އެކަމަކު ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެކަމަކު އެމްބާޕޭ ނެތް ހާލަތަށް އަދި ނުވިސްނާ ކަމަށް ކޯޗު ބުންޏެވެ.
"އެމްބާޕޭއާ އެކު ފްރާންސް ޓީމް އަބަދުވެސް މާ ވަރުގަދަވާނެ.ޑެޝޯމްޕްސް/ ފްރާންސް ކޯޗު
މުބާރާތުގެ ހުރިހާ މެޗެއް ނުގެއްލުނަސް ރިޕޯރޓްތައް ބުނާ ގޮތުން އެމްބާޕޭއަށް ކުރިއަށް އޮތް ނެދަލެންޑްސް މެޗު ގެއްލުމުގެ ފުރުޞަތު ބޮޑެވެ. ގްރޫޕްގެ އެންމެ ވަރުގަދަ މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ފްރާންސް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ. އޮސްޓްރިއާ އަތުން އުނދަގުލުން މޮޅުވި މެޗުގައި ފްރާންސްގެ ލަނޑަކީ އެމްބާޕޭ ނެގި ހުރަހއެއް އޮސްޓްރިއާ ޑިފެންޑަރު އަތުން ބައިކޮޅަށް ވެދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.
ކުޅުން ކުރިއަށް ނުގެންދެވިގެން 25 އަހަރުގެ ފޯވާޑްގެ ބަދަލުގައި ތަޖުރިބާ ބޮޑު ފޯވާޑް ޖިރޫޑް ކުޅެން ނިކުތީ 90 ވަނަ މިނިޓްގައެވެ. އިތުރު ވަގުތުގެ ގޮތުގައި މެޗުގައި 9 މިނިޓް ދެއްކި އެވެ. އެމްބާޕޭ ވަނީ ކުރިއަށް އޮތް ފަސް ސީޒަނަށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ.