ޚަބަރު

ބުދަ ދުވަހުން ފެށިގެން މޫސުން ގޯސް، ގިނަ މީހުން ގޮވައިގެން ދަތުރުކުރާއިރު ސަމާލުވޭ!


  • މޫސުމަށް ބެލުމަށްފަހު ދަތުރުކުރުން މުހިންމު

  • ސަލާމަތީ ކަންކަން ފުރިހަމަވެފައިތޯ ބަލަން އިސްކަންދޭންޖެހޭ

  • ދަތުރު ކުރާއިރު އަބަދުވެސް ލައިފްޖެކެޓް އެޅައިގެން ތިބެންވާނެ

ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުދަތުރުފަތުރަށް ބަރޯސާވެފައި އޮންނަ ޤައުމެކެވެ. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، ޒާމާނުއްސުރެ ދިވެހިން އެންމެ ގިނައިން ދަތުރުފަތުރު ކުރަނީ ކަނޑު އުޅަނދުތަކުގައެވެ.

ޢަޟްޙާ ޢީދު ބަންދާ ގުޅިގެން އެތައް ބަޔަކު ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށްފައިވާއިރު، ދިޔަ ތަންތަނުން އެނބުރި އައުމަށާއި އަދި މިހާރުވެސް ތަންތަނަށް ފުރާ މީހުން މަދެއްނޫނެވެ. އެގޮތުން އެއް ބަޔަކު ޢީދަށް ރަށްރަށަށް ދާއިރު، އަނެއް ބަޔަކު އަނބުރާ ދިރިއުޅޭ ރަށަށް ނުވަތަ މާލެއަށްވެސް ދަނީ ދަތުރުކުރަމުންނެވެ. އަދި ޒަރޫރީ ބޭނުންތަނުގައިވެސް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ކަނޑުމަގުން ދަތުރުކުރަމުންދެއެވެ.

އާންމުގޮތެއްގައި ޢީދު ޗުއްޓީ އާއި ސްކޫލް ބަންދާ ދިމާކޮށް މިގޮތަށް ކުރާ ދަތުރުތައް އިތުރުވެއެވެ. ވައިގެ މަގުން ދަތުރު ކުރިނަމަވެސް، މަދު ހާލަތެއްގައި ނޫނީ ދާން ބޭނުންވާ މަންޒިލަށް ކަނޑުމަގުން ދަތުރުކުރަން ނުޖެހި ނުދެއެވެ. ކަންމިހެން އޮތްއިރު ދަތުރުފަތުރު ކުރާފަރާތްތަކުންވެސް އަދި އޮޑި ދޯނިފަހަރު ދުއްވާ ފަރާތްތަކުންވެސް ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ.

ދަތުރަށް ފުރުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު އެއް ކަމަކީ މޫސުން ކުރިއަށް ލަފާކުރާގޮތް ބެލުމެވެ. ޚާއްސަކޮށް މޫސުން ގޯސް ދުވަސްވަރެއް ނަމަ މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ހާމަކުރާ މޫސުމާ ގުޅޭ ފަހުގެ މަޢުލޫމާތު ހޯދައި ދަތުރުކުރާ ސަރަހައްދާއި ފުރާ ތަނާ ދެމެދަކީ ކަނޑުމަގުން ދަތުރުކުރަން އެންމެ ރައްކާތެރި ސަރަހައްދެއްކަން ޔަގީން ކުރަންވާނެއެވެ. މޫސުމަށް ބަލަންވާވަރަށް ނުބަލައި ދަތުރުކުރުމުގެ ސަބަބުން ހިތާމަވެރި އެތަކެއް ހާދިސާއެއް ފާއިތުވި އަހަރުތަކުގައި ވަނީ ހިނގާފައެވެ.

ދެވަނަ ކަމެއްގެ ގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ދަތުރުކުރާ އުޅަނދަކީ އެކުރާ ދަތުރަކަށް އެންމެ އެކަށީގެންވާ އުޅަނދެއްތޯ ޔަގީންކުރުމާއި، އެއުޅަނދެއްގައި ސަލާމަތީގޮތުން ހުންނަންޖެހޭ ވަޞީލަތްތައް ހަމައަށް ހުރުމެވެ. އޭގެތެރޭގައި ލައިފް ޖެކެޓް، މުވާޞަލާތީ ވަސީލަތްތައް އަދި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖޭ އެހެނިހެންވެސް ވަޞީލަތްތަކާއި އިންތިޒާމުތައް ބަރާބަރަށް ހަމަކުރުން ހިމެނެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާ ކުރާނެ ކަމަށެވެ. އަދި ވައިގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވެ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓުގެ ދެމެދުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސް ދުވަސްތަކުގައި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ އެންމެ އެކަށީގެންވާ ހަލުއި މިނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކަށްވެސް ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. އެއީ މޫސުން ގޯސްވުމުން ސަލާމަތީ ބާރުތަކަށްވެސް ދަތުރު ކުރުމުގައި ނުވަތަ ހާދިސާއެއް ކުރިމަތިވެގެން އުޅަނދު ހޯދުމަށް ދަތިތަކާއި ކުރިމަތިވެފައި އެބަހުއްޓެވެ.

ކަނޑުމަތީ ހިނގާ ހާދިސާތަކުގެ ތަފާސް ހިސާބައް ބަލާއިރު، އެންމެ ގިނައިން ރިޕޯޓު ކުރެވޭ އެއް ހާދިސާ އަކީ އިންޖީނު ހުއްޓުމުގެ ހާދިސާއެވެ. އެހެން ކަމުން ފުރުމުގެ ކުރިން ދާން ބެނުންވާ މަންޒިލައް ދެވޭ މިންވަރަށް އުޅަނދުގައި ތެޔޮހުރިތޯ އުޅަނދުތައް ދުއްވާ ފަރާތްތުން ޔަޤީން ކުރުން މުހިންމެވެ. އަދި ޤަވާއިދުން އިންޖީނުތަކުގެ މެއިންޓެނެންސް ކަންކަން ބެލެހެއްޓުމަކީވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެންވެސް ކުރަން ޖެހޭ މުހިއްމު ކަމެކެވެ. މީގެ އިތުރުން ދިގު ދަތުރުދާ ފަރާތްތައް ކެއުމާއި ބުއިމުގެ ކަންކަން ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ.

ކޮންމެ އަހަރެއްގެވެސް ބަންދާ ދިމާކޮށް ކަނޑު އުޅަނދުތަކުގައި ސަލާމާތީ ވަސީލައްތައް ހުރި ނެތްގޮތް ބެލުމަށް ތަފާތު ޕްރޮގްރާމްތައް ސަލާމަތީ ބާރުތަކުން ދަނީ ހިނގަމުންއެވެ. އެގޮތުން އުޅަނދުތައް ބަލާ ފާސްކޮށް ސަމާލުކަން ދޭންވީ ކަންކަމާއި ސަލާމަތީ ވަސީލައްތައް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް ޤަވާއިދުން ސަލާމަތީ ބާރުތަކުން ހިންގަމުން ދެއެވެ.