ކުޅިވަރު

މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓާ ދެކޮޅަށް ނިކުތަސް ޖެހިލުމެއް ނުވޭ: އޮސްޓްރިއާ ކޯޗު


މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިރޭ ފޭވަރިޓެއް ކަމަށްވާ، ފްރާންސާ ދެކޮޅަށް ނިކުތުމުގެ ކުރީން އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުނީ، އޭނާގެ ޓީމުން ފުރަތަމަ މެޗުގައި މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓާދެކޮޅަށް ނިކުތް ކަމަށް ވިޔަސް، ޖެހިލުމެއް ނުވާ ކަމަށެވެ.

ފްރާންސްގައި އެންމެ ވަރުގަދަ ސްކޮޑު އޮތްއިރު އެންމެ މޮޅު ފޯވާޑްލައިން އޮތީ އެ ޓީމުގައި ކަމަށް ރަންގްނިކް ވަނީ ބުނެފައެވެ. އެހެންކަމުން އެ މެޗުގައި އޮސްޓްރިއާގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ރަންގްނިކް ބުންޏެވެ.

ރަންގްނިކް ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިން މިވަގުތު ތިބީ ފިޓްކޮށް ކަމަށެވެ.

އޮސްޓްރިއާގެ މިޑްފީލްޑަރު، ކޮންރަޑް ލައިމާ ބުނީ، އިންޑިވިޖުއަލް މޮޅު ކުޅުންތެރިންނާއެކު ފްރާންސްގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށެވެ.

ލައިމާ ބުނީ އިދިކޮޅުގައި ކޮންމެ ޓީމެއް އޮތަސް އޮސްޓްރިއާ އިން ނިކުންނާނީ އެމީހުންގެ ފުޓްބޯޅަ ކުޅެ، އެ ޓީމަށް ބަލިކުރަން ކަމަށް. ލައިމާ ބުނީ އެކަން އެގޮތަށް އޮސްޓްރިއާ އަށް ކުރެވޭނެ ކަމަށެވެ.

ލައިމާ ވަނީ، އޮސްޓްރިއާ ޓީމުން އަބަދުވެސް އިދިކޮޅަށް ކުޅޭ ޓީމުތައް ރަނގަޅަށް އެނަލައިޒްކުރާކަމަށް ބުނެފައެވެ. އެއަށްފަހު ޓީމުގެ ކޯޗުގެ ރޭވުންތެރިކަމާ އެއްގޮތަށް ކުޅެ، މެޗުން ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތްކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.