ޚަބަރު

ސިވިލް ސަރވިސްގައި ޙަރަކާތްތެރިވާ މައިންނަށް ޚާއްޞަ ޢިނާޔަތެއް


ސިވިލް ސަރވިސް ވަޒީފާތަކުގައި ޙަރަކާތްތެރިވާ އަންހެނުންނަށް އެމީހުންގެ ދަރިންގެ ކަންތައްތަކަށްޓަކައި ޚާއްޞަ ޢިނާޔަތެއް ދެއްވުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. އަމަނިކުފާނު މިހެން ވިދާޅުވީ ސިވިސް ސަރވިސް ކޮމިޝަނުން ބޭއްވެވި، ސިވިސް ސަރވިސް ކޮންފަރެންސް ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިވިލްސް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ބޭއްވެވި 2 ވަނަ ސިވިލްސް ސަރވިސް ކޮންފަރެންސް ނިންމެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނީ ޢާއިލީ ކަންކަން ހަމަޖެހިފައި ހުރެގެން ކަމަށާއި އަދި އެ ޔަޤީންކަންވެސް އޮވެގެންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޢާއިލާގެ ކަންކަން ހަމަޖެއްސޭނީ މަސައްކަތުގެ މައިދާނުންވެސް އަންހެނުންނަށް އެހީތެރިކަން ލިބިގެންކަމަށާއި މިގޮތުން ޚާއްޞަ ޢިނާޔަތްތަކެއް އަންހެނުންނަށް ލިބެން ޖެހޭކަމަށެވެ. ރައީސް ވަޙީދު ވިދާޅުވީ، މަސައްކަތުގެ މާޙައުލުގެ ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު މަސައްކަތަށް ޙާޟިރުވެ، ގެއާމެދުގައި ކަންބޮޑުވެގެން އަބަދު އެކަމާ ވިސްނަން ޖެހޭނަމަ، ވަރކް ބެލެންސްއެއް ނުގެނެވޭނެކަމަށާއި އެހެންކަމުން މަސައްކަތަށް ލޯބިޖެހިގެން އުޅެވޭނީ ޢާއިލީ ކަންކަން ހަމަޖެހިފައި ހުރެގެންކަމަށެވެ. ދަރިންގެ ކަންތަކުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރަނީ މަންމައިން ކަމަށްވާއިރު އެފަދަ މައިންނަށް ޚާއްޞަ ކުރެވިގެން އިތުރު ޢިނާޔަތެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިވިސް ސަރވިސް އިޖާދީ އިނާމްވެސް ވަނީ ދެއްވާފައެވެ. މި އިނާމް ލިބިފައިވަނީ ރ. ވާދޫ ކައުންސިލާއި ޓިވެޓް އޮތޯރިޓީއަށެވެ. ސިވިސް ސަރވިސް އީޖާދީ އިނާމަކީ ސަރުކާރުގެ އޮފީސްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެތަންތަނުން އިސްނަގައިގެން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އިނާމެކެވެ. މިއީ މި އިނާމް ދިން 3 ވަނަ ފަހަރެވެ. މިފަހަރު ބޭއްވެވި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 6 ކަރުދާހެއް ހުށަހަޅައި، 3 ދާއިރާއެއްގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.