ކުޅިވަރު

ފޭވަރިޓެއްގެ ލޭބަލް އޮތަސް އެ މަގާމު ހޯދަން ފަސޭހަނުވާނެ: ބެލްޖިއަމް ކޯޗު


ސްލޮވާކިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނީ، ބެލްޖިއަމް އަކީ ގްރޫޕް އީ ގެ ފޭވަރިޓެއްގެ ގޮތުގައި ލޭބަލް ކުރިޔަސް އެއީ ކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ.

އަދި، ސްލޮވޭކިއާ ހިމެނޭ މި ގްރޫޕުން އެ ޓީމު ކައިރިން މޮޅުވާން ފަސޭހަނުވާނެ ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ. އެ ޓީމުން ވަރުގަދަ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ބަލާލުމުން ވެސް އެކަން އެނގިގެންދާނެ ކަމަށް ޓެޑެސްކޯ ފާހަގަކުރިއެވެ.

އޭނާގެ ޓީމުން މިހާރު ރަނގަޅު ކުޅުމެއް ދައްކާތީ، އުފާވާ ކަމަށް ޓެޑެސްކޯ ބުންޏެވެ. އަދި، މިދިޔަ ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ޓީމުގެ ހާލަތު މުބާރާތުގައި ފެނިގެންދާނެ ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ.

ޓެޑެސްކޯ އިތުރަށް ބުނީ، ބެލްޖިއަމް ޓީމުގެ އަނިޔާގެ މައްސަލަތައް ހަމައަކަށް އެޅެމުންދާ ކަމަށެވެ. އެގޮތުން، ކުރިން އަނިޔާގައި ތިބި ބައެއް ކުޅުންތެރިން މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށްވެސް ޓެޑެސްކޯ ބުންޏެވެ.

ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ބުނީ، ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މިހާރުގެ ޓީމުގައި އައު ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ.

ޑި ބްރޭނާ ބުނީ، އިންގްލެންޑާއި ޖަރުމަނާ ދެކޮޅަށް ބެލްޖިއަމް ރަނގަޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. އޭނާ ބުނީ ބެލްޖިއަމް އޮތީ މުބާރާތަށް ފުރިހަމަ އަށް ތައްޔާވެފައި ކަމަށެވެ.

އަނިޔާއަށްފަހު ކުޅުމަށް އެނބުރި އައިފަހުން މިހާރު ރަނގަޅު ފޯމެއްގައި ހުރި ކަމަށާއި، ބެލްޖިއަމް އާއެކު ޔޫރޯގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ބޭނުންވާ ކަމަށް ޑި ބްރޭނާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް އީ ގައި ހިމެނޭ ބެލްޖިއަމްއާ ސްލޮވާކިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.