ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. 

އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުގަދަވާނެކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. 

ދެކުނުގައި ކަނޑުތައް ގަދަވާނެކަމަށާއި، އުތުރާއި މެދުތެރޭގައި އާދައިގެވަރަކަށް ކަނޑު ގަދަވާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރަކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ކަނޑުގަދަވެ ވައިގަދަވާނެތީ ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.