ކުޅިވަރު

ދޫ ނުދޭނަން، ބާކީ އޮތް ދެ މެޗު ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ޕޮލަންޑް ކޯޗު


ޔޫރޯ 2024 ގެ ގްރޫޕް ޑީ ގައި ރޭ ނެދަލެންޑްސް އަތުން 2-1 އިން ބަލިވި މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލެންޑްގެ ކޯޗު، މައިކަލް ޕްރޮބިއާޒް ބުނީ، އޭނާގެ ޓީމުން ދޫ ނުދޭނެ ކަމަށެވެ. އެގޮތުން، ބާކީ އޮތް ދެ މެޗު ކާމިޔާބުކުރުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޕްރިބިއާޒް ވަނީ، ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ޓީމުން ގިނަ ވަގުތު ބޯޅަ ނުގެންގުޅޭ ކަމަށް ފާހަގަކޮށް، ކުރިއަށްޖެހުމަށް ނުކުޅެދުނު ކަމަށް ބުނެ ވާހަކަދައްކާފައެވެ. އަދި، އެއީ އާއްމުކޮށް މެޗުތަކުގައި އެ ޓީމުން ކުރާ ކަމަކަށްވުމުން އެކަން ނުކުރެވުމުން ހިތާމަކުރާ ކަމަށް ވެސް ޕްރޮބިއާޒް ބުންޏެވެ.

ނިންމާލަމުން، ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާކަމަށް ވެސް ޕްރޮބިއާޒް ވަނީ ބުނެފައެވެ.

ޕޮލެންޑްގެ ފޯވާޑް، އެޑަމް ބުކްސާ ބުނީ، ނެދަލެންޑްސް އަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި، އެމީހުންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ. އެކަމަކު، އޭނާގެ ޓީމުން ދެއްކި ކުޅުންވެސް ރަނގަޅު ކަމަށް ފާހަގަކުރިއެވެ. އަދި އެ މެޗުގައި ޕޮލެންޑުން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށް ވެސް ބުކްސާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑަށް ދެން އޮތީ އޮސްޓްރިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވާ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން 9 ޖަހާއިރު އެވެ.