ކުޅިވަރު

އިންގްލަންޑް ތަފާތެއް ނޫން، ސާބިއާ އަތުން މޮޅުވީ ކިރިޔާ!


ތަރިންގެ މައްޗަށް އެކުލެވިގެންވާ އިންގްލަންޑުން މިހާރު ކުރިއަށްދާ ޔޫރޯ 2024 އުނދަގޫ މޮޅަކުން ފަށައިފިއެވެ. މުޅިން ތަރިން ހިމެނޭ އިންގްލެންޑް ފުރަތަމަ މެޗުގައި ސާބިއާ އަތުން މޮޅުވީ 1-0 ނެވެ.

މެޗުގައި އިނގިރޭސިން ސަލާމަތްކޮށްދިން ލަނޑު ޖެހީ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ލަލީގާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދި 20 އަހަރުގެ ބެލިންގހަމް އެވެ. އޭނާ ލަނޑު ޖެހީ ބުކަޔޯ ސަކާ އަރިމަތިން ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ދުރު ކަނަށް ބޮލުން ޖަހާ ފޮނުވާލައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ބެލިންގހަމް ޖެހީ 13 ވަނަ މިނިޓްގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސާބިޔާއަށް ވުރެ ރަނގަޅަށް އިނގިރޭސިން ކުޅުނަސް ދެވަނަ ހާފްގައި ސާބިޔާއިން ވަނީ އިންގްލެންޑްގެ ފަހަތަށް ބާރުބޮޑުކޮށް ލަނޑުޖަހާނެ ފުރުޞަތުތައްވެސް ހޯދާފައެވެ. އަދި ޑިފެންސްގައި އިނގިރޭސި މޮޅު ކުޅުންތެރިން ހުއްޓުވުމުގައިވެސް ސާބިޔާއިން ކާމިޔާބު ހޯދި އެވެ. އެކަމަކު ލަނޑު ޖަހަން މަދު ފުރުޞަތެއް ދެވަނަ ހާފްގައިވެސް އިނގިރޭސީންވެސް ހޯދިއެވެ. ދެވަނަ ހާފްގައި ގިނަ ފުރުޞަތުތައް ތަނަވަސްކުރީ ސާބިޔާއިންނެވެ.

ފުރަތަމަ ހާފްގައި 19 ވަނަ މިނިޓްގައި ސާބިޔާގެ މިޓްރޮވިޗް ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލްގެ ކުޑަ ތަންކޮޅެއް އަރިމަތިން ބޭރަށެވެ. 24 ވަނަ މިނިޓްގައި އިންގްލެންޑް ޑިފެންޑަރ ކައިލް ވޯކާ އަރިމަތިން އަރާ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްދިން ބޯޅަ ހުރަސްވެގެން ދިޔައީ ފޮޑެންއާއި ހެރީ ކޭންއަށް ބޯޅައިގައި ޖައްސާ ނުލެވިއެވެ. 36 ވަނަ މިނިޓްގައި ސަކާ ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ވެސް ދިޔައީ ޖަހާނެ ކުޅުންތެރިއަކު ނެތި އެވެ. އޭރިޔާ ތެރޭގައި ފިލް ފޮޑެން ހުރި ނަމަވެސް ބޯޅައިގައި ޖައްސާ ނުލެވުނެވެ.

ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ސާބިއާގެ ކޮސްޓިކް އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން ޓީމަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނަސް، ދެވަނަ ހާފްގައި ސާބިޔާ ފެނުނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށެވެ. އެކަމަކު ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނީ އެވެ. 65 ވަނަ މިނިޓްގައި ޓަޑިކް އޭރިޔާ ތެރޭން ޖޮވިކް އަށް ޖައްސާލި ބޯޅަވެސް ބޭނުމެއް ނުކުރެވުނެވެ. 70 ވަނަ މިނިޓްގައި ސާބިއާއިން އުފެއްދި ހަމަލާ ހުއްޓުވީ އިންގްލެންޑް ކީޕަރު ޕިކްފޯޑެވެ.

މުޅި މެޗުގައި ފެނުނުނ އެންމެ ނުރައްކާތެރި ހަމަލާއަކީ 76 ވަނަ މިނިޓްގައި ހެރީ ކޭން ފޮނުވާލި ބޯޅަ އެވެ. ގޯލް އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ހެރީ ކޭން ބޮލުން ފޮނުވާލުމުންް ސާބިޔާގެ ކީޕަރު އަތުން ޖެއްސިއެވެ. ބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފައެވެ. އިތުރު ފުރުޞަތެއް ނުދީ ސާބިއާ ޑިފެންޑަރުން ބޯޅަ ސާފްކޮށްލި އެވެ.

81 ވަނަ މިނިޓްގައި ސާބިޔާއިން ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ދިޔައެވެ. ޑީއޭރިޔާ ބޭރުން ވުލަހޮވިޗް ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ކީޕަރު ޕިކްފޯޑެވެ. ޕިކްފޯޑް އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލުމުން ދިން ކޯނަރުގައި ތަނަވަސްވި ފުރުޞަތެއްގައި ބާމަންސެވިޗް ފޮނުވާލުމުން ގޯލް އޭރިޔާ ތެރެއިން ދިފާއުކުރީ ހެރީ ކޭން އެވެ.

ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު އިނގިރޭސި ޓީމަށް ފެންވަރު ނުދެއްކުނެވެ. އިންގްލެންޑް ކައިރީގައި ސާބިޔާއިން ވަނީ ރަނގަޅަށް ކުޅެ، ދެވަނަ ބުރަށް ދާން އިނގިރޭސީންނަށް ފަސޭހަ ނުވާނެކަން ސާބިތުކޮށްދީފައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޑެންމާކާއި ސްލޮވީނިޔާ އެވެ. އެދެޓީމް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެހެންކަމުން މިވަގުތު އެއްވަނައިގައި އޮތީ އިންގްލެންޑެވެ.