ޚަބަރު

ޢީދު ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފި


  • ސަގާފީ ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައި

  • މާލޭގެ ހުރިހާ ސަރަހައްދުތަކުގައި ކުޅިވަރު ކުޅުނު

  • މިރޭ ޢީދު ޝޯއާއި ހަވާ އެރުވުން އޮންނާނެ

ޢީދު ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް މިއަދު ހަވީރު ކުރިއަށް ގެންގޮސްފިއެވެ. ޢީދު ހަރަކާތްތައް ކުރިއަށްގެންދަނީ މާލޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެންނެވެ.

އެގޮތުން ޢީދުގެ ސަޤާފީ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރުތައް ވަނީ ބާއްވާފައެވެ. ހެންވޭރުގައި ސޯސަންމަގާ މަޖީދީ މަގު ގުޅުނު ހިސާބުގައި ވަނީ ދަފިނެގުން ކުރިއަށްގެންގޮސްފައެވެ. އަދި އަރޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ކުޅިވަރުތައް ހިމެނޭގޮތަށް ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފައެވެ.

ބޮޑު މަސް ބޭނުން އޮތީ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަރަކާތުގައި ވަނީ އިހުޒަމާނުގައި ބޮޑު މަސް ބޭނުމުގައި ކަންތައް ކުރަމުން އައިގޮތުގެ ވާހަކައާއި އެކަން ކުރަމުން އައި ގޮތް ދައްކާލާފައެވެ.

މީގެއިތުރުން އެމްއެންޑީއެފުންވަނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކުރިމަތީގައިވެސް ސަގާފީ ބޮޑު ބެރު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ގިނަ ހަރަކާތްތަކެއް ބާއްވާފައިވަނީ ރަސްފަންނު ސަރަޙައްދުގައެވެ. ރަސްފަންނުގައި ވަނީ ދެލި މާލި ނެރުމާއި ކޯޑި ކެނޑުމުގެ ކުޅިވަރު ބާއްވާފައެވެ. އަދި ކާށިދޫގެ ސަގާފީ އައިޓަމެއްކަމަށްވާ ލަނގިރީގެ ހަރަކާތް ވަނީ ބާއްވާފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަނީ ވަރަށް ގިނަ ކުޅިވަރުތައް ބާއްވާފައެވެ.

މިރޭވެސް މާލެއާއި ހުޅުމާލޭގައި ޢީދުގެ ހަރަކާތްތައް އޮންނާނެއެވެ. އެގޮތުން ޢީދު ޝޯއާއި ހުޅުމާލޭގައި މިރޭ 09:00ގައި ހަވާ އެރުވުންވެސް އޮންނާނެއެވެ.