ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުުޅިގެން ހައްޔަރުކުރި މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ދިވެހި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:50 ހާއިއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި އެކަކަށް އަނިޔާ ލިބިފައިވާއިރު އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ދަނީ މި މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.