ކުޅިވަރު

ސާބިއާ ބަލިކުރަން ފަސޭހައެއް ނުވާނެ: ސައުތުގޭޓް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ސާބިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ވަނީ ސާބިއާ ބަލިކުރަން ފަސޭހަނުވާނެ ކަމަށް ބުނެފައެވެ.

ސައުތުގޭޓް ބުނީ، އިންޑިވިޖުއަލް ރަނގަޅު ކުޅުންތެރިން ހިމެނޭ ސާބިއާ ބަލިކުރަން ފަސޭހަނުވާނެ ކަމަށާއި، އެޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ވަރުގަދަވާނެ ކަމަށެވެ. އެހެންކަމުން، ސާބިއާ ފަހަތަށް ޖައްސާލުމަށްޓަކައި އޭނާގެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ.

ސައުތުގޭޓް ބުނީ، އޭނާގެ ޓީމުގައި މުހިއްމު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ. ވަކި ކުޅުންތެރިއަކީ މުހިއްމު މީހެކޭ ބުނެ، އެކަކަށް ބަރޯސާ ވާ ވަރަށްވުރެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި ކަމަށެވެ. ސައުތުގޭޓް މި ވާހަކަތައް ދައްކާފައިވަނީ އެ ޓީމުގެ މިޑްފީލްޑްގައި ހިމެނޭ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، ޖޫޑް ބެލިންހަމްއާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދިނުމުގެ ގޮތުންނެވެ.

ސައުތުގޭޓް ވަނީ، އޭނާގެ ޓީމުގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް މެޗަށް ފިޓްކަމަށް ބުނެފައެވެ. އެކަމަކު، އެ ޓީމުގެ ވާތު ފުލްބެކް، ލޫކް ޝޯގެ ބޭނުން ހިފުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ބުންޏެވެ.

އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ބުނީ، އޭނާގެ ޓީމަށް ފޭވަރިޓެއްގެ ޓެގު ހައްގު ކަމަށެވެ. އެއީ، މިދިޔަ އަހަރުތަކުގައި އިންޑިވިޖުއަލީ އަދި ޓީމެއްގެ ގޮތުގައި އެ ކުޅުންތެރިން ގިނަ ކަންތައްތަކެއް ސާބިތުކޮށްދީފައިވާތީ ކަމަށެވެ.

ކޭން ވަނީ، އިންގްލެންޑް ގައުމީ ޓީމަށް ކުޅުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން، ކޭން ބުނީ، ގައުމީ ޓީމަށް ކުޅުމަކީ ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ. އަދި އެ ޓީމާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރުމަކީ އެ ގައުމުގެ ކޮންމެ ކުޅުންތެރިއެއްގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބީއަށް ވާނެ ކަމަށެވެ.

ސާބިއާ އާ ދެކޮޅަށް އިންގްލެންޑް ނިކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.