ޚަބަރު

ކުރިއަށް އޮތް 5 ދުވަހު ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެ


  • ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައި

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ. އަދި ބުރާސްފަތި ދުވަހައި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހު ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި 35 މޭލާއި 40 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން ކުރިއަށް އޮތް 5 ދުވަހު ކަނޑުތައް ގަދަވާނެކަަމަށް ލަފާކޮށްފައިވާއިރު، ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓުގެ ދެމެދުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ޢީދު ޗުއްޓީއަށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެއްކަމުން، މޫސުމަށް ސަމާލުކަން ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.