ކުޅިވަރު

ފުރަތަމަ މެޗު ވެގެންދަނީ އަބަދުވެސް ވަރަށް އުނދަގޫ މެޗަކަށް: ޑެންމާކުގެ ކޯޗު


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ސްލޮވީނިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ބުނީ، ފުރަތަމަ މެޗު ވެގެންދަނީ އަބަދުވެސް ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. އެކަމަކު، ޑެންމާކުން އެ މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ޔޫލްމަން ބުންޏެވެ.

ޔޫލްމަން ބުނީ، މެޗަށް ނިކުންނައިރު ފޭވަރިޓުންނަކީ ޑެންމާކު ކަމަށް ވިޔަސް ސްލޮވީނިއާ ބަލިކުރަން ފަސޭހަނުވާނެ ކަމަށެވެ. އެމީހުން ބަލިކުރެވޭނީ ޑެންމާކްގެ އެންމެ ބެސްޓްދީގެން ކަމަށް ޔޫލްމަން ބުންޏެވެ. އަދި މެޗުތަކުގައި އޭނާގެ ޓީމުން އަބަދުވެސް ބޭނުންވަނީ ޑޮމިނޭޓްކޮށް މޮޅުވުމަށް ކަމަށް ވެސް ޔޫލްމަން ވަނީ ބުނެފައެވެ.

ޑެންމާކްގެ ކުޅުންތެރިންގެ ފިޓްނަސްއާ ގުޅޭގޮތުން، ޔޫލްމަން ބުނީ 26 ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް ކަމަށެވެ. ކަނޑައެޅިގެން ހުރިހާ އެންމެންނަށް 90 މިނެޓު ކުޅެވޭނެއޭ ބުނާކަށް ނޭނގޭ ކަމަށް ޔޫލްމަން ބުންޏެވެ.

ޑެންމާކްގެ ކެޕްޓަން، ކްރިސްޓިއަން އެރިކްސަން ބުނީ، ސްލޮވީނިއާ އާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށެވެ. އެގޮތުން، ކޮލިފައިންގައި ދެ ފަހަރު މަތީން އެ ޓީމާ ދެކޮޅަށް ކުޅުނުކަން އެރިކްސަން ފާހަގަކުރިއެވެ.

އެރިކްސަން ބުނީ، މެޗަށް ނިކުންނަނީ މޮޅުވެ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެ ނޫން ކޮންމެ ނަތީޖާއަކާ މެދު މާޔޫސްވާންޖެހޭނެ ކަމަށެވެ. އެ ޓީމުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މެޗަށް ހާޒިރުވާ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ކަމަށް ވެސް އެރިކްސަން ބުންޏެވެ.

ސްލޮވީނިއާ އާ ދެކޮޅަށް ޑެންމާކް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.