ތިމާވެށި

ވައި ތަޣައްޔަރުވުމާއި ގުޅިގެން އަހަރަކު 7 މިލިއަން މީހުން މަރުވޭ


އެއަރ ޕޮލިއުޝަން ނުވަތަ ވައި ތަޣައްޔަރުވުމާ ގުޅިގެން އަހަރެއްގެ މައްޗަށް 7 މިލިއަން މީހުން މަރުވާން މެދުވެރިވާކަމަށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޑަބްލިއުއެޗްއޯގެ ޕަބްލިކް ހެލްތް، އެންވާރަމަންޓް އެންޑް ސޯޝަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މާރިޔާ ނެއިރާ ވިދާޅުވީ މީގެ ދެއަހަރު ކުރިން ވައި ތަޣައްޔަރުވުމާއި ބެހޭ ގޮތުން އެކުލަވާލެވުނު ބައިނަލްއަޤްވާމީ ރިޕޯޓް އެކުލަވާލި ފަހުން ދުނިޔޭގެ ސިޓީތަކުގައި ވައި ތަޣައްޔަރުވުމުންދާ މިންވަރު އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ މިއީ އާންމު ޞިއްޙަތައް ހުރި ބޮޑު ނުރައްކަލެއްކަމަށާއި، ވައި ތަޣައްޔަރުވުމުގެ މައްސަލައައް އާންމުން އިތުރަށް ހޭލުންތެރިކުރުން މުހިންމުކަމަށެވެ. އަދި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށާއި ޤައުމުތަކުން މިހާރަށް ވުރެ ބޮޑަށް ވައިގެ ކޮލިޓީ މޮނީޓާ ކުރަން އެބަޖެހޭކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

2014ވަނަ އަހަރު ޑަބްލިއުއެޗްއޯއިން އެކުލަވާލި ވައި ތަޣައްޔަރުވުމުގެ ރިޕޯޓްގައި އެކުލަވާލާފައިވަނީ 1600 ސިޓީ، ނަމަވެސް މިހާރު އެއްކުރެވެމުންދާ ޑާޓާބޭސްގައި 103 ޤައުމަކުން 3000 ސިޓީ ހިމެނޭނެއެވެ. 2014ވަނަ އަހަރުގެ ވައި ތަޣައްޔަރުވުމުގެ ރިޕޯޓުން އެންމެ ބޮޑަށް މިމައްސަލަ ފާހަގަކުރެވިފައިވާ ޤައުމުތަކުގެ ތެރޭގައި އަދިވެސް ހިމެނެނީ އިންޑިއާ އާއި ޗައިނާއެވެ.