ކުޅިވަރު

ޔޫރޯ ކާމިޔާބުކުރެވޭނީ ރަނގަޅު ފުޓްބޯޅައެއް ކުޅެގެން: ސްޕަލެއްޓީ


މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީ ގައި ރޭ އަލްބޭނިއާ އަތުން 1-2 އިން މޮޅުވި މެޗަށްފަހު، އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ވަނީ، އެ މުބާރާތް ކާމިޔާބުކުރުމަށްޓަކައި ރަނގަޅު ފުޓްބޯޅައެއް ކުޅެން ޖެހޭނެ ކަމަށް ބުނެފައެވެ.

ސްޕަލެއްޓީ ބުނީ، އޭނާ ކޯޗުކޮށްދޭން ފެށީއްސުރެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޑުއިވިފައި އޮތީ ކޮންމެ ގޮތަކަށްވިޔަސް މޮޅުވުން ކަމަށެވެ. އެކަމަކު، އޭނާ އެކަން ގަބޫލުނުކުރާ ކަމަށް ސްޕަލެއްޓީ ވަނީ ބުނެފައެވެ. އޭނާ ގަބޫލުކުރަނީ ރަނގަޅު ކުޅުމެއް ކުޅެން ޖެހޭނެ ކަމަށާއި، އެގޮތުން މި މުބާރާތް ކާމިޔާބުކުރުމަށްޓަކައި ވެސް ރަނގަޅު ފުޓްބޯޅައެއް ކުޅުން ނޫން އެހެން ގޮތެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

އަލްބޭނިއާ އަތުން އިޓަލީ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، ނިކޮލޯ ބަރެއްލާއާ ބެހޭގޮތުން ސްޕަލެއްޓީ ބުނީ، ރޭގެ މެޗުގައި އޭނާގެ ފަރާތުން ފެނިގެންދިޔައީ އެ ޓީމުން އެންމެ ބޭނުންވާފަދަ ކުޅުމެއް ކަމަށެވެ. ސްޕަލެއްޓީ ބުނީ، ބަރެއްލާ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ.

އިޓަލީ އަށް ދެން އޮތް މެޗުގައި ކުޅެން ޖެހޭ ސްޕެއިނާ ބެހޭގޮތުން ކޯޗު، ސްޕަލެއްޓީ ބުނީ، އެ މެޗު އަލްބޭނިއާ އާ ތަފާތު ވާނެ ކަމަށެވެ. އަލްބޭނިއާ މެޗަށް ވުރެ އަވަސް މިނެއްގައި ބޯޅަ ގެންގުޅެން ޖެހޭނެ ކަމަށާއި، ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެ، އެ ޓީމުގެ ޑިފެންސްގެ ފަހަތަށް ބޯޅަތައް ކުޅެން ޖެހޭނެ ކަމަށް ސްޕަލެއްޓީ ބުންޏެވެ.

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަރެއްލާ ބުނީ، ފެށިތާ 30 ވަރަކަށް ސިކުންތުގެ ތެރޭގައި ލަނޑެއްވަނުމުން އުނދަގޫތައް ކުރުމަތިވި ކަމަށެވެ. އެކަމަކު، އޭގެފަހުން ރަނގަޅު ރައްދެއްދީ، ލަނޑުޖެހުމަށް ފުރުޞަތަކަށް ފަހު ފުރުޞަތެއް ތަނަވަސްކުރި ކަމަށާއި، އޭނާ އަބަދުވެސް ގައުމަށްޓަކައި އެންމެ ބެސްޓްދޭން ތައްޔާރަށް ހުރި ކަމަށް ވެސް ބަރެއްލާ ބުންޏެވެ.

އިޓަލީން މިހާރު ކުޅޭ ސިސްޓަމްގައި އާއްމުކޮށް އޭނާ ކުޅޭ މަގާމަށްވުރެ ތަންކޮޅެއް ފަހަތަށް ކުޅުނު ނަމަވެސް، ޖޯޖީނިއޯ ފަދަ ކުޅުންތެރިއަކާ އެކު މެދުތެރޭ ބެލެހެއްޓުމަށް ފަސޭހަކަމަށް ބަރެއްލާ ފާހަގަކުރިއެވެ. ބަރެއްލާ ބުނީ، ޖޯޖީނިއޯގެ ސަބަބުން ދަނޑުމަތީގައި އެހެން ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ފަސޭހަވެގެންދާ ކަމަށެވެ.

މެޗުން ޓީމު މޮޅުވިއިރު ގޯލެއް ކާމިޔާބުކުރެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ގިނައިން ލަނޑުޖެހެން ވާނެ ކަމަށް ބަރެއްލާ ބުންޏެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި އަނިޔާގައި ހުރުމުން ފަހު ހާފުގައި އުނދަގޫތައް ކުރިމަތިވި ކަމަށް ބަރެއްލާ ވަނީ ބުނެފައެވެ.

މުބާރާތުގެ ތަށި ދިފާއުކުރަން ނިކުތް، އިޓަލީން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އެ ދުވަހުގެ ރޭ 12 ޖަހާއިރު އެވެ.