ކުޅިވަރު

އެންމެ މުހިންމު ކަންތައް ކުރެވުނަސް، ދެވަނަ ހާފުގެ ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ: ޔަކީން


"
ރާޒުވާއާ ފުޓްބޯޅަ އަހަރެން އެއްގޮތްކުރަން، މިއަދު އަހަރެންގެ ޓެކްޓިކްސްއާ އެއްގޮތަށް ކަންތައް ދިޔައީ.
މުރާތު ޔަކީން

ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ވަނީ، އޭނާގެ ޓީމުން އެންމެ މުހިއްމު ކަންތައް ކުރިނަމަވެސް، ފަހު ހާފުގައި ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

އެހެންކަމުން، ދެން އޮތް މެޗުގައި ކުޅުން ރަނގަޅު ކުރަންޖެހޭނެ ކަމަށް ޔަކީން ބުންޏެވެ.

ސްވިޓްޒަލޭންޑަށް ލީޑްނަގައިދިން ވަޑްވޯ ޑުއާ އާ ބެހޭގޮތުން، ޔަކީން ބުނީ، އޭނާ އަކީ ޕެނަލްޓީ-ބޮކްސް ކުޅުންތެރިއެއް ކަމަށާއި، ހަމައެގޮތަށް ބްރީލް އެމްބޯލޯ އަކީ ވެސް އެގޮތަށް ބަރޯސާވެވޭނެ ފަދަ ކުޅުންތެރިއެއް ކަމަށެވެ.

އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިން މިޝޭލް އެބީޝާއާ ބެހޭގޮތުން ޔަކީން ވަނީ، އޭނާގެ ސްޓެޓިސްޓިކްސް ރަނގަޅަށް އެނގޭތީވެ، އޭނާގެ މުހިއްމުކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެފައެވެ. ބޯޅަ އާއެކު އަދި ބޯޅައާ ނުލައި ވެސް އެބީޝާގެ ކުޅުން ވަރަށް ފުރިހަމަ ކަމަށް ބުނެ، ޔަކީން ތައުރީފުކުރިއެވެ.

ޔަކީންގެ ވާހަކައިގައި ވަނީ، ޖަރުމަނާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި، އަންނަ ބުދަ ދުވަހު ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ވެސް މުޅިން ތަފާތު ގޭމެއް ކަމަށް ފާހަގަކޮށްފައެވެ.

ސްވިޓްޒަލޭންޑްގެ ކެޕްޓަން، ގްރޭނިޓް ޒާކާ ބުނީ، ޖަރުމަނުގެ މެޗު އެމީހުން ވަރަށް ރަނގަޅަށް ބެލި ކަމަށާއި، ސްކޮޓްލެންޑްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ހައިރާންވާ ކަމަށެވެ. އަދި، ތިން ޕޮއިންޓް ލިބުމާއެކު އޭނާގެ ޓީމުން ހާސިލްކުރަން ބޭނުންވި ފުރަތަމަ އަމާޒަށް ވާސިލްވެވިއްޖެ ކަމަށާއި، ދެން އޮތީ ބުދަ ދުވަހުގެ މެޗަށް ތައްޔާރުވުން ކަމަށެވެ.

ޒާކާ ބުނީ، ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮންނަ ކަމަށާއި، ފަހު ހާފުގައި އެ ޓީމު ހަމައަކަށް އަޅުވައިދިނީ އެމްބޯލޯ ކުޅެން ނިކުމެ އެ ވައްދާލި ލަނޑުން ކަމަށެވެ. އެ ގޯލާއެކު މެޗުގެ ނަތީޖާ ކަށަވަރުވެގެންދިޔަ ކަމަށް ޒާކާ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ސްވިޓްޒަލޭންޑުން ދެން ކުޅޭ މެޗުގައި ނިކުންނާނީ ސްކޮޓްލެންޑްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.