ޚަބަރު

ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް ދަނީ އިތުރުވަމުން: އެޗްއާރުސީއެމް


  • ބިލް ދައްކަމުންދާ ގޭބިސީތަކުންވެސް ފެންކަނޑާލާކަންވަނީ ފާހަގަކޮށްފައި

  • ފެން ކަނޑާލަނީ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކުގައި އަވަސް ޙައްލު ހޯދުމަށް

  • ފެން ލިބުމަކީ ކޮންމެ މީހަކަށް ލިބެންޖެހޭ އަސާސީ ޙައްގެއް

މާލޭގެ ބައެއް ގޭބީސީތަކުގައި ކުއްޔަށް އުޅެމުންދަނިކޮށް، އެ ގޭބީސީއެއްގެ ވެރިން ފެންކަނޑާލަމުންދާ މައްސަލަތައް ހުށައަޅަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމުން ނެރުއްވި ބަޔާނެއްގައި ވަނީ، ފަހަކަށް އައިސް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގޭބީސީތަކުން ފެން ކަނޑާލުމުގެ މައްސަލަތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުންވަނީ ފާޅުކުރައްވާފައެވެ. އެގޮތުން ބިލުދައްކަންޖެހޭ އިދާރާއަށް ނުވަތަ ކުންފުންޏަށް ގަވައިދުން ބިލްދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ތަޅު އެޅުވުމުގެ މައްސަލަތަކާއި، ފެނުގެ ޚިދުމަތް ދެމުންދާ ކުންފުނީގެ އެންގުމަކާއި ނުލައި ގޭގެވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ފެނުގެ ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް ފާހަގަވާކަމަށް އެޗްއާރުސީއެމުން ވިދާޅުވިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، މިފަދަ މައްސަލަތުގައި ހިމެނޭ ދެފަރާތާއި ކުރެވުނު މަޝްވަރާތަކަށްފަހު ބައެއް މައްސަލަތައް ޙައްލު ހޯދައިދެވިފައިވާކަމަށެވެ. އެޗްއާރްސީއެމުން ވިދާޅުވީ މިމައްސަލަތަކަށް ބަލާއިރު، ވެރި ފަރާތުން އެގޮތަށް ޢަމަލުކުރަމުންދަނީ އެކި ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން އަވަސް ޙައްލެއް ގެނައުމުގެ ގޮތުންކަމަށް ކޮމިޝަނަށް ފާހަގަވެފައިވާކަމަށެވެ.

އެޗްއާރްސީއެމުން ވިދާޅުވީ ފުދޭ މިންވަރަށް ފެން ލިބުމުގެ ޙައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްގެއްކަމަށެވެ. އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެނަށް އެކަމުގެ އަސަރުކުރާނެކަމަށް އެޗްއާރުސީއެމުން ވިދާޅުވިއެވެ. އެހެންކަމުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމުގައި އެޗްއާރްސީމްގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ލިބިދޭ އަސާސީ ޙައްގުތަކާއި މިނިވަންކަމަކީ، އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްގެއްކަމަށާއި، އެއިން އެއްވެސް ޙައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެކަން އެޗްއާރުސީއެމުން ފާހަގަކުރެއްވިއެވެ. އަދި އެ ޙައްގުތައް ހިފެހެއްޓޭނީ ޤާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން ފާސްކުރެވޭ ޤާނޫނަކުންކަމަށާއި، ސާފު ފެން ފުދޭ މިންވަރަކަށް ލިބުމަކީ ދިރިހުރުމުގެ ޙައްގާއި ގުޅުންހުރި ޙައްގެއްކަމުން، އެއީ އެއްވެސް މިންވަރަކަށް ނިގުޅައިގަނެވޭނެ ޙައްގެއް ނޫންކަމަށް ކޮމިޝަނުން ދެކޭކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ. އެހެންކަމުން ފަރުދުންގެ މެދުގައި ދިމާވާ މައްސަލަތައް ޤާނޫނީ އިމުގެ ތެރެއިން ޙައްލުކުރުމަށް މަސައްކަތްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވަނީ އިލްތިމާސްކުރައްވާފައެވެ.