ބެލްޖިއަމްގެ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ސަބަބުން މިހާރުގެ ކޯޗު ޓެޑެސްކޯ އަށް ޕްރެޝަރ އެބައޮތް ކަމަށް ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފިއެވެ.
ޔޫރޯ2024 ގައި ބެލްޖިއަމްއަށް އޮތް ފުރުޞަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑިބްރޭނާ ބުނީ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒްއާއެކު ބެލްޖިއަމް ޓީމުން ކުރިއެރުން ހޯދާ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެޕްރެޝަރ މިހާރުގެ ކޯޗު ޓެޑެސްކޯ އަށް އޮންނާނެ ކަމަށް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ޑި ބްރޭނާ ބުންޏެވެ. ކުރިން ބެލްޖިއަމްއަށް ފުޓްބޯޅައިން ހާސިލްކުރެވިފައިނުވާ ކަންކަން މާޓިނޭޒްއާއެކު ހާސިލް ކުރެވިފައި އޮތުމަކީ މިހާރުގެ ކޯޗަށް އޮތް ބޮޑު ޕްރެޝަރެއް ކަމަށް ޑި ބްރޭނާ ދެކެއެވެ. މާޓިނޭޒް އާއެކު ބެލްޖިއަމް އިން 2018 ވަނަ އަހަރުގެ ވަރކލްޑް ކަޕްގެ ތިންވަނަ ހޯދި އެވެ. އެކަމަކު 2022 ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޕްރެޝަރާއެކުވެސް ޑި ބްރޭނާގެ ބޮޑު އިތުބާރެއްވެސް ކޯޗު ޓެޑެސްކޯ އަށް އެބައޮތެވެ. 2022 ވަނަ އަހަރުގެ ވަރލްޑްކަޕަށް ފަހު މާޓިނޭޒް ބެލްޖިއަމް ޓީމް ދޫކޮށްލުމުން މަގާމާ ހަވާލުވެ ޓެޑެސްކޯ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަކަން ޑި ބްރޭނާ ފާހަގަކުރިއެވެ.
"އޭނާ (ކޯޗު ޓެޑެސްކޯ) އެއަންނަނީ ޒުވާން ގިނަ ކުޅުންތެރިންނާއެކު މުޅިން އާ ޓީމެއް ބިނާ ކުރަމުން، ކޯޗުގެ ފިލޯސަފީއަށް ޓީމް ބައްޓަން ކޮށް ބަދަލުކުރަމުން. ޓެޑެސްކޯ ކުރަމުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް.ކެވިން ޑި ބްރޭނާ/ ބެލްޖިއަމްގެ ކެޕްޓަން
އެއާއެކު ޑި ބްރޭނާ ފާހަގަކުރީ ކޯޗު ކުރަމުން އަންނަ ރަނގަޅު މަސައްކަތްތައް މުޅިން ވިއްސިވިހާލިވެދާނެ ކަމެވެ. އެކަން ބިނާވަނީ ޔޫރޯގައި ބެލްޖިއަމް ހޯދާ ނަތީޖާތަކުގެ މައްޗަށެވެ. ކިތަންމެ ރަނގަޅު މަސައްކަތްތަކެއް ކޮށް، ޓީމެއް ބިނާކޮށްފައި އޮތަސް ނަތީޖާއިން އެކަން ނުފެނިއްޖެ ނަމަ ހުރިހާކަމެއް ބަދަލުވެދާނެކަން ޑި ބްރޭނާ ހަނދާން ކޮށްދިނެވެ.
ޑި ބްރޭނާ ބުނީ މުބާރާތުގައި ކުރިއަށްދާން ރަނގަޅު ފެށުމެއް މުހިއްމު ކަމަށެވެ. މުބާރާތުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެރޭ ވާދަކުރާނީ ސްލޮވޭކިޔާއާ އެވެ. ފެށުން ރަނގަޅު ވިޔަސް އަދި ކުރިއަށް ނުދެވޭނެކަން ޑި ބްރޭނާ ހަނދާން ކުރީ 2022 ވަނަ އަހަރުގެ ވަރލްޑް ކަޕުންނެވެ. އެމުބާރާތުގައި ބެލްޖިއަމް ފުރަތަމަ މެޗު ކާމިޔާބު ކުރި ނަމަވެސް ދެވަނަ ބުރަށް ނުދެވުނެވެ.